ދުނިޔޭގެ އެންމެ ދުވަސްވީ ބޮޑުވަޒީރުގެ ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި، ޑރ މަހާތީރު މެލޭޝިއާގެ އާންމު އިންތިޚާބުގައި ވާދަކުރެއްވުމަށް އެޕްލިކޭޝަން ހުށަހަޅުއްވައިފިއެވެ.
މިހާރު އުމުރުން 97 އަހަރުވެ، އެއްގަރުނު ވަންދެން ދިރިހުރުމުގެ ލަނޑު ދަނޑިއާއި ހަމައަށް ވާސިލްވަމުންދާ މަހާތީރުވަނީ ދެފަހަރެއްގެ މަތިން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި 2018ވަނަ އަހަރު އޭނާގެ ނަންވަނީ، "އޭރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ބޮޑުވަޒީރު"ގެ ގޮތުގައި ގިނެސް ވާލްޑް ރެކޯޑް ފޮތަށްވެސް އަރާފައެވެ.
ނޮވެމްބަރު 19 ވަނަ ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި މަހާތީރު ދިފާއު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދަނީ މެލޭޝިއާގެ ހޮލިޑޭ އައިލެންޑްއެއް ކަމަށްވާ ލަންކާވީގެ ގޮނޑިއެވެ.
"މި އިންތިޚާބު ވެގެންދާނީ އަހަރެންގެ އެންމެ ފަހު އިންތިޚާބު ކަމުގައި. މިހަފަރު އަހަރެން ވާދަކުރާކަށް ބޭނުމެއް ނޫން. އެހެންނަމަވެސް އަހަރެންގެ ދައުރު އަދި އޮތީ ފުރިހަމަ ނުވެ،" މަހާތީރު ވިދާޅުވެފައި ވެއެވެ.
ދެނުކު އިރުމަތީ އޭޝިއާގައި އެންމެ ބޮޑަށް ތަރައްގީވެފައިވާ އެއްގައުމު ކަމުގައި މެލޭޝިއާގައި މަހާތީރު އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 1981 ވަނަ އަހަރުން 2003 ވަނަ އަހަރަށެވެ. އެއަށްފަހު 2018ވަނަ އަހަރުން 2020 ވަނަ އަހަރާ ހަމައަށްވެސް އޭނާވަނީ މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.
މަހާތީރަށް ލަންކާވީގެ ގޮނޑި ފަސޭހަކަމާއެކު ކާމިޔާބު ކުރެއްވޭނެކަމަށް ބެލެވިފައިވި ނަމަވެސް މެލޭޝިއާގެ ބޮޑުވަޒީރުކަން އޭނާއަށް ކާމިޔާބު ކުރެއްވިދާނެކަމުގެ އެހާބޮޑު ޔަގީންކަމެއް ނެތެވެ.
މި އިންތިޚާބުގައި، 222 ގޮނޑި ހިމެނޭ ގާނޫނުހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ހަތަރު ބްލޮކްއަކުން ދަނީ ވާދަ ކުރަމުންނެވެ. އޭގެތެރެއިން އެއް ބްލޮކަކީ މަހާތީރުގެ ލީޑަރޝިޕްގައި ވާދަ ކުރަމުންދާ ބްލޮކްއެކެވެ.
ދައުރު ހަމަވުމުގެ 10 މަސްކުރިން މެލޭޝިއާގައި އިންތިޚާބު ބާއްވަން ޖެހިފައިވަނީ، ވަގުތީ ބޮޑުވަޒީރުކަމުގައި ހުންނެވި އިސްމާއިލް ސަބުރީ ފާއިތުވެދިޔަމަހު އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލެއްވުމާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ