އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް ބަހުސް މާދަމާ ފެށުމަށް އެޖެންޑާކޮށްފިއެވެ.
ބަޖެޓް ބަހުސް މާދަމައަށް އެޖެންޑާކޮށްފައިވާއިރު، ކޮންމެ މެމްބަރަކަށް ބަހުސްގައި ވާހަކަ ދެއްކުމަށް 15 މިނިޓް ލިބިގެންދާނެއެވެ. ބަޖެޓް ބަހުސްއަށް މެމްބަރުންނަށް ފުރުސަތު ދެވިގެންދާނީ މެމްބަރުން އެދޭ ތަރުތީބުންނެވެ. ބަހުސްގެ މަރުހަލާ އަންގާރަ، ބުދަ، އަދި ބުރާސްފަތި ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބުރާސްފަތި ދުވަހަކީ މަޖިލިސް އޮންނަ ދުވަހަކަށް ނުވިނަމަވެސް ބަޖެޓް ބަހުސް ނިންމުމަށްޓަކައި މިހަފްތާގެ ބްރާސްފަތި ދުވަހުވެސް ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ހަމެޖެހިފައެވެ. ކޮންމެ ދުވަހަކުވެސް ބަޖެޓް ބަހުސް ފެށިގެންދާނީ ހެނދުނު 9 ޖަހާއިރުއެވެ. ބްރޭކްތަކާއިއެކު ބަހުސް ނިންމާލާނީ ކޮންމެ ރެއަކުވެސް ރޭގަނޑު 10 ޖަހާއިރުއެވެ. ބަހުސްގަިއ ވާހަކަ ދެއްކުމަށް އެދޭ މެމްބަރުންނަށް ވާހަކަ ދެއްކުމަށް އެދޭނެ އެންމެ ފަހު ވަގުތަކީ ބްރާސްފަތި ދުވަހުގެ މެންދުރު 12ގެ ކުރިންކަމަށް މަޖިލިސް ނައިބް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ދައުލަތުން ހުށައެޅީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ދިރާސާކުރުމަށްފަހު މުޅި ބަޖެޓް ތަޅުމުން ފާސްކުރުމަށް ތައާވަލުކޮށްފައިވަނީ ނޮވެމްބަރު 30އަށެވެ.
ބަޖެޓުގެ ކޮމެޓީ މަރުހަލާ ބަހުސްއަށް ފެށިގެންދާއިރު، ބަޖެޓް ކޮމެޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅާފައިވާއިރު، ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.
ކޮމެންޓު ފޮނުވާ