އިލެކްޝަން ކޮމިޝަނުން ބައްވާންޖެހޭ އިންތިޚާބުތަކުގެ ތެރޭގައި ހިމެނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ އަދަދެއްގެ ބައި އިލެކްޝަންތައް މެދުނުކެޑި ބާއްވަން ޖެހި، ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
މިއިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގެވެ. އޭނާ ހުށަހެޅުއްވި މި ބިލް ކުރިޔަށް ގެންދިއުމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީންވަނީ ނިންމާފައެވެ.
ކޮމިޓީގެ ނިންމުމާއި ގުޅޭގޮތުން މިއަދު މަޖިލީހުގެ ނެގުނު ވޯޓުގައި މި ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ އެންމެ ދެ މެމްބަރުންނެވެ. މި އިސްލާު ބަލައިގަންނަން ނުފެންނަކަމަށް 48 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.
އޭގެ އިތުރުން މި ބިލް ކޮމިޓީއަށް އަބުރާ ފޮނުވަން ފެނޭތޯ ނެގުނު ވޯޓުގައި މަޖިލިހުގެ 55 މެމްބަރުން ވޯޓު ދެއްވާފައިވަނީ މި ބިލް އަލުން އިސްލާހު ކުރުމަށް ކޮމިޓީއަށްވެސް ފޮނުވަން ނުފެންނަކަމަށެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް ކައިރިކަރީގައި ބާއްވަން ޖެހުމަކީ އިލެކްޝަން ކޮމިޝަނުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އިންތިޚާބުވާ ކައުންސިލަރުންނާއި، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުހަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.
މެމްބަރު ޝަފީގު ހުށަހެޅުއްވި އިސްލާހުގައި ޤާނޫނުގައި މިހާރު ބުނެފައިވާ މުއްދަތަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ. ދެ ބައި އިލެކްޝަނެއްގެ ދެމެދުގައި 365 ދުވަހަށްވުރެ ދިގު މުއްދަތެއް އަދި 300 ދުވަހަށްވުރެއް ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މެމްބަރު ޝަފީގް ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށާއި، އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭ ކަމުގައިވާނާމަ، ބައި އިލެކްޝަންތައް ކޮންމެ އަހަރަކުވެސް އެއްފަހަރާ ވަކި ތާރީހެއްގައި ބޭއްވުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވެސް ވަނީ ހުށަހަޅުއްވާފައެވެ.
ރޮޒޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ހިންގަނީ، އިލެކްޝަންގެ އިރުޝާދުގެ ބެއްލެވުގެ ދަށުން އެއަންހެނުންގެ ކޮމެޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށެވެ. އިންތިޚާބުތައް ބާއްވާނީ އަންހެނުންގެ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭނަމަ ކޮންމެ އަހަރަކު އެއްފަހަރު ކަމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.
ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކާއި، ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވަންޖެހުމަކީ އިލެކްޝަން ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެެވެ. ނަމަވެސް ޤާނޫނަށް ގެނެވޭ މިއިސްލާހުތަކާއިއެކު އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.