ޕްރައިމަރީ ލަސްވަނީ އިދާރީ މަސައްކަތް ނުނިމޭތީ: އަނަސް

ޕްރައިމަރީ ލަސްވަނީ އިދާރީ މަސައްކަތް ނުނިމޭތީ: އަނަސް

Author
މުޙައްމަދު ޝަޒައިމް
06 ނޮވެމްބަރ 2022 06:31
0

ޕްރައިމަރީ ލަސްވަނީ އިދާރީ މަސައްކަތް ނުނިމޭތީ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

ރިޔާސީ އިންތިޚާބަށް 9 މަސް ދުވަހަށް ވެފައިވާއިރު، އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއް އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ފާޅުކޮށްފައެވެ. އަދި ރައީސް ނަޝީދުވެސް ވަނީ އިންތިޚާބުގއި ވަދަކުރާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ ޕާޓީގެ ތެރޭގައި ބާއްވާ ޕްރައިމަރީން ކަމަށެވެ. އެޕާޓީން ކުރިން މަސައްކަތް ކުރަމުންދިޔައީ މިއަހަރު ޕްރައިމަރީ ބޭއްވުމަށެވެ. ނަމަވެސް އަހަރު ނިމިގެންދިޔަ އިރުވެސް އެކަން ކުރެވިފައި ނުވެއެވެ.

އެމްޑީޕީގެ ތަރުޖަމާން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާންކުރާނީ އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށެވެ. އިދާރީ މަސައްކަތްތައް ނިމޭނެ ވަކި ދުވަހެއްވެސް އެމްޑީޕީން އަދި ނުބުނެއެވެ.

2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކާ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އިއުލާން ކުރެވޭނެ ވާހަކަ ދަންނަވަން.

– އަނަސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ތާރީހެއް ކަނޑަނޭޅި ލަސްވަމުން ދިއުމަކީ އެމްޑީޕީއަށް ލިބޭނެ ގެއްލުމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އިންތިޚާބާއި ގާތް ވެފައި އޮތްވައި ޕްރައިމަރީއާއި ގުޅިގެން ޕާޓީތެރެ އިތުރަށް ބައިބައި ވެއްޖެނަމަ ޕާޓީ އެކަތިގަނޑަކަށް ހެދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދި މިއިންތިޚާބުގައި ރައީސް ނަޝީދު ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަން އެކި ފަހަރު މަތީން ހާމަކޮށްފައި ވުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.