ނަޝީދު ކޮޕް 27ގައި ތަމްސީލްކުރަނީ ލަންކާ، ރާއްޖެއިން ފުރުސަތެއް ނުދިން

ނަޝީދު ކޮޕް 27ގައި ތަމްސީލްކުރަނީ ލަންކާ، ރާއްޖެއިން ފުރުސަތެއް ނުދިން

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2022 11:11
0

މިމަހު މިސްރުގައި ފަށާ މޫސުމާބެހޭ އދގެ ބައްދަލުވުން ކޮޕް27 ގައި ރާއްޖޭގެ ޓީމުން ފުރުސަތު ނުދިނުމުން ސްރީލަންކާ ތަމްސީލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ނިމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މިޞްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް މިޞްރަށް ކުރައްވާ ދަތުރުފުޅެއްގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ފުރާ ވަޑައިގެންފައިވާކަމަށެވެ. އަދި ރައީސް ނަޝީދު ކޮޕް27 ގައި ތަމްސީލް ކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ޤައުމީ ވަފުދު މެމްބަރެއްގެ ގޮތުގައެވެ.

ކޮޕް27 ގައި ބައިވެރިވުމަށް ނައިބް ރައީސް ފައިސަލް ނަސީމްވެސް މިއަދު ވަނީ ފުރާވަޑައިގެންފައެވެ. ކޮޕް 27 އިންތިޒާމު ކުރަނީ މިޞްރު ސަރުކާރުންނެވެ. މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.މި ސަމިޓްގައި ދުނިޔޭގެ އެތައް ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެއެވެ.

ރައީސް ނަޝީދަކީ މޫސުމީ މައްސަލަތަކުގައި ވަކާލާތު ކުރާ ދުނިޔޭގެ ފެންވަރުގެ ލީޑަރެއް ނަމަވެސް ސަރުކާރުން މިފަހަރު ކޮޕް27 އަށް ނަޝީދަށް ފުރުސަތު ނުދެއްވީ ކީއްވެކަމެއް ނޭގެއެވެ. ނަމަވެސް ސިޔާސީ ގޮތުން ރައީސް ނަޝީދާއި، ރައީސް ޞާލިހާއި ދެމެދު ވަރަށްބޮޑަށް ޚިލާޔް ތަފާތުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ވަފުދުން ރައީސް ނަޝީދަށް ފުރުސަތު ނުލިބި, އެހެން ޤައުމެއް އެމަނިކުފާނު ތަމްސީލު ކުރައްވާއިރު ރައީސް ނަޝީދުއަކީ ކޮޕް ބައްދަލުވުމުގައި އެންމެ ގިނައިން ބައިވެރިވެވަޑައިގެން ރާއްޖޭގެ ނާޒުކުކަމާއި މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއާއި ރާއްޖެފަދަ ކުދި ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ ފާއިތުވި 15 އަހަރުގައި ބޭއްވި ކޮޕްގެ ހުރިހާ ބަައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލުކޮށް, އެ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަރީ
ހަސަދަވެރިކަން ދެން އެހެން ކޮންކަމެއް ނަޝީދުގެ މަސައްކަތުން ވެރިކަމައްވެސް އާދެވިއްޖެވިއްޔާ.