ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، ދުނިޔޭގެ އެންމެ ބޮޑެތި ފަތުރުވެރިކަމުގެ މާކެޓްތަކުގައި އެއް ވަގުތެއްގައި މީޑިއާ ކެމްޕޭނެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.
މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ބުނީ މިއީ "ރީޑިސްކަވަރ މޯލްޑިވްސް-ދަ ސަނީ ސައިޑް އޮފް ލައިފް"، މި ޝިއާރުގެ ދަށުން މިއަހަރު ކުރިއަށްގެންދާ އެންމެ ވަރުގަދަ މީޑިއާ ކެމްޕެއިން ކަމަށެވެ. މި ކެމްޕޭންގެ ދަށުން ފަތުރުވެރިކަމަށް ޚާއްސަ އޮންލައިން ތަކާއި ޕްރިންޓް ނޫސްތަކާއި ބައިނަލްއަޤްވާމީ ބޮޑެތި ނޫސްތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި މީޑިއާ ކެމްޕޭން ކުރިއަށްގެންދާ މާކެޓްތަކަކީ ރާއްޖެއަށް މިހާރުވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ ގެއިތުރުން އިންޑިއާ، އިނގިރޭސިވިލާތް، މެދުއިރުމަތި، ޕްރާންސް، ޖަރުމަނުވިލާތް، ތުރުކީވިލާތް، ސިންގަޕޫރު، ސައުތު އެފްރިކާ، އިޓަލީ، ހޮންގް ކޮންގް އަދި އޭޝިއާ ޕެސިފިކް ޤައުމުތަކެވެ.
އެއް މަސް ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން އަންނަ މާކެޓްތަކުގެ މެދުގައި ރާއްޖެ އަކީ ޗުއްޓީހޭދަކުރަން މި ދަނޑިވަޅުގައި ސިއްހީ ގޮތުންނާއި ރައްކާތެރި ކަމުގެ ގޮތުން އެންމެ އެކަށޭނަ މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ޚަބަރު ފަތުރާ ވަސީލަތްތަކުގެ ފަލަ ސުރުހީގައި އަބަދުވެސް ރާއްޖޭގެ ނަން ބޭއްވުން ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
މިކެމްޕޭންގެ ދަށުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ކުރިން ކޮންމެހެން ވެސް އެނގެންޖެހޭ މައުލޫމާތު ހިމެނޭ އޮންލައިން ބްރޯޝާރއެއް ވެސް ވަނީ އެކުލަވާލެވިފައެވެ. މި ބްރޯޝާރގައި ހިމެނޭނެ ބައިތަކުގެ ތެރޭގައި މޯލްޑިވްސް ބޯޑަރ މައިލްސް ލޯޔަލްޓީ ޕްރޮގްރާމާއި ކޯވިޑް-19 އަށް ޚާއްސަކޮށްގެން ތަޢާރަފް ކުރި އެލައިޑް އިންބައުންޑް އިންޝުއަރެންސްގެ މައުލޫމާތުގެ އިތުރުން ރާއްޖެއަށް ދަތުރު ކުރާ ފްލައިޓް ތަކުގެ މައުލޫމާތު ވެސް ހިމެނޭނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
ކޯވިޑް-19 ގެ ސަބަބުން ފަތުރުވެރި ކަމަށް އައި މައިގަނޑު ލޮޅުމުން އަރައިގަތުމަށް މިއަހަރަށް ރޭވިފައިވާ މާކެޓިން ހަރަކާތްތައް އޮންލައިންކޮށް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެމްއެމްޕީއާރުސީން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.