ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ރާއްޖެއަށް ދެއްކުމަށް ބިޑްކުރުމަށްފަހު، ބިޑް އަނބުރާ ގެންގޮސްފައިވަނީ ފައިސާ ނެތިގެންކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ބުނެފިއެވެ.
ޕީއެސްއެމްއިން މިހެން ބުނެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގައި ވާހަކަދައްކަމުންނެވެ. މި ކޮމިޓީގައި މިއަދު މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގް ވަނީ މިމައްސަލައާ ގުޅޭގޮތުން ޕީއެސްއެމްއާ ސުވާލުކޮށްފައެވެ. މިއަދުގެ ކޮމިޓީގައި ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވެފައިވަނީ ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް ފީފާއިން އެންމެ ފުރަތަމަ ހުށަހެޅީ ޕީއެސްއެމްއަށް ކަމަށެވެ. އަދި ޕީއެސްއެމްއިން އެކަމަށް ބިޑްވެސްކުރިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ކުރިއަށް ގެންދެވޭވަރަށް ޕީއެސްއެމްގައި ފައިސާ ނެތްކަމަސްވެސް ނަސްރީން ވިދާޅުވިއެވެ. އެހެންކަމުން ބިޑްވާނީ އަނބުރައި ނަގާފައިކަމަށް ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީގައި ނަސްރީން ވިދާޅުވީ ރައްޔިތުންނަށް ހިލޭ ވޯލްޑްކަޕް ދެއްކުމަށްޓަކައި ފިނޭންސް މިނިސްޓްރީން މިހާރު ޕީއެސްއެމްއަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ) ދޭން ނިންމާފައިވާކަމަށެވެ. މީޑިއާ ނެޓުގެ އަތުން ރައިޓްސް ގަނެގެން ޕީއެސްއެމްއިން ވޯލްޑް ކަޕް ދެއްކުމަށް ފުރަތަމަ ނިންމާފައިވަނީ ރައްޔިތުންގެ އަތުން ފީއެއް ނަގައިގެންކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި ނިންމުމަށް ޢާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
ޕީއެސްއެމްއަކީ ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ހިންގަމުންއަންނަ ކުންފުންޏެކެވެ. މިއަހަރު ވެސް 70 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޕީއެސްއެމްއަށް ދޭހަކުރެއެވެ. އަދި އަންނަ އަހަރަށް ހުށަހެޅި ބަޖެޓްގައި ވެސް ޕީއެސްއެމް ހިންގުމަށް 80 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ނަތީޖާ ނުރެވި ޕީއެސްއެމް ހިންގުން ބޮއްސުންލާފައިވާކަމުހެ ތުހުމަތު ޢާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓަށް އަމާޒުކުރެއެވެ.
މިމަހު 18ވަނަ ދުވަހު ގަޠަރުގައި ފަށާ، ފީފާ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ރައިޓްސް މިފަހަރު ހޯދާފއިވަނީ މީޑިއާ ނެޓުންނެވެ. މީޑިއާ ނެޓުންވަނީ އެއް މިލިއަން ޑޮލަރަށް ރައިޓްސް ގަނެފައެވެ. އަދި އެކުންފުނިން ވަނީ ރާއްޖެ ޓީވީއާއި، ޕީއެސްއެމްއަށް ރައިޓްސް ވިއްކާފައެވެ. އެހެންކަމުން ޕީއެސްއެމްއެމްއާއި ރާއްޖެ ޓީވީން ވޯލްޑްކަޕް ދައްކާނީ މީޑިއާނެޓުން ރައިޓްސް ގަނެގެންނެވެ.