2023 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ބެލެވެނީ 5.4 އިންސައްތައިގައި ކަމަށާއި، ނަމަވެސް މެދުރާސްތާގައި އިންފްލޭޝަންގެ އަސަރު ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިޤްތިސާދާއި ސިނާއަތްތަކުގެ ކުރިއެރުން ފަހިކޮށް ހުރިކަމުގައި ވީނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް ހުރީ އުފުލިފައި ކަމަށާއި، އެހެންނަމަވެސް ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އިންފްލޭޝަންގެ އިޙްސާސް ވަނީ ކުޑަކުރެވިފައި ކަމުގައެވެ.
ނަމަވެސް، މި ފަދަ ސިޔާސަތުތަކަކީ މިގޮތަށް ދާއިމީގޮތެއްގައި ކުރިއަށްގެންދެވޭނެ، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނޫންކަމަށް ވިދާޅުވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަބްސިޑީގެ ސިޔާސަތަކީ އިޤްތިސާދީ އަދި ފިސްކަލް ހިރާސްތައް ބޮޑު ސިޔާސަތުތަކެއް ކަމުގައެވެ. އެހެންކަމުން، މުސްތަގުބަލުގައި މި ސިޔާސަތުތަކަށް އިސްލާހުތަކެއް ގެންނަންޖެހޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން 5.4 އިންސައްތައަށް މަތިވާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއިރު، މިހާރު ހިގަމުންދާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގައި އިންފްލޭޝަން ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.
މިގޮތުން އެމެރިކާގެ އިންފްލޭޝަން ރޭޓް ވަނީ ވޭތުވެދިޔަ 40 އަހަރު ނުދާހާ މައްޗަށް ގޮސް، 8.2 އިންސައްތައަށް މަތިވެފައެވެ. އަދި ޔޫރަޕްގެ ގައުމުތަކުގައި އިންފްލޭޝަން ހުރީ 9.9 އިންސައްތައިގައެވެ.
ރާއްޖޭގައިވެސް އިންފްލޭޝަން މަތިވަމުން ދަނިކޮށް، ސަރުކާރުން ޓެކުސް ބޮޑުކުރުމަށް ނިންމުމާއި ގުޅިގެން މިބަދަލުގެ ސަބަބުން އިފްލޭޝަންއަށް ނުރަގަޅު އަސަރު ކުރާނެކަމަށް އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ