ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމުގައި ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުޔައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައި ކަމުގައެވެ.
މިގޮތުން، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ސިއްޙީ ދާއިރާއަށް ހުށަހަޅުއްވާފައިވަނީ 5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އޭގެ ތެރޭގައި 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމާއި، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
އަދި އަތޮޅުތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓު އިތުރުކޮށް، ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައި ވެއެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މިދާއިރާއަށް ކުރާ ހޭދަ އިގުތިސާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުން ކަމުގައެވެ.
މިއަހަރު، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން އިއުލާން ކޮށްދެއްވަމުން ރައީސް ސާލިހުވަނީ އަންނަ އަހަރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސް ދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. ރައީސް އެ ވައުދާއެކު، އެހެން ދާއިރާތަކުންވެސް ވަނީ މުސާރަ ބޮޑުކޮށްދިނުމަށް ޑިމާންޑް ކުރާން ފަށާފައެވެ.
އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވަނީ 43 ބިލިއަން ފުރިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުޜާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅުއްވި ބަޖެޓްގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިގާނެކަމަށް ލަފާކުރެވެނީ 40.6 ބިލިއަން ރުފިޔާ ކަމުގައެވެ.
އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިގާ 28.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ. މ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ