އަތޮޅު ތެރޭގެ ރަށްތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދޭނީ ޓެކްސް އިތުރުކޮށްގެން ކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި، ވިޔަފާރުވެރިން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެފަރާތްތަކުން އެދެމުންދަނީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ދިނުމަށެވެ.
ޓެކްސް ބޮޑު ކުރުމަށް ތާއީދު ކުރައްވައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައި ނިންމުމަކީ މުހިންމު ނިންމުމެއްކަމަށެވެ. ރައީސް ޞާލިހު އަތޮޅު ތެރޭގެ ރަށްތަކަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭނީ ޓެކްސް ބޮޑުކޮށްގެން ކަމަށާއި، ތަރައްޤީގެ ކަންކަން ހާސިލް ކުރުމަށްޓަކައި ޓެކްސް ބޮޑު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ %80 މާލެ ސަރަހައްދުގައި ޤާއިމްވެފައިވާއިރު އަތޮޅުތަކުގެ ތަރައްޤީއަށް ޓެކްސް އަކީ މުހިންމު އާމްދަނީއެއް. ޓެކްސް އިތުރު ކުރަނީ ތަރައްޤީއަށް. އަތޮޅުތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދޭނީ ޓެކްސް އިތުރުކޮށްގެން.
– އަޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.
ޓެކްސް ބޮޑު ކުރުމާއި ދެކޮޅަށް މަޖިލީހުގައި އެންމެ ބޮޑަށް ވަކާލާތު ކުރަމުންދަނީވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އޭގެ ތެރޭގައި ގިނައީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނެވެ. މީގެ އިތުރުން މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންނާއި މިނިވަން މެމްބަރުންވެސް ދަނީ މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރުމަށް ތާއީދު ނުކުރާކަން ހާމަ ކުރަމުންނެވެ.
ޓެކްސް ބޮޑުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ވިޔަފާރި ވެރިން އެދެމުން ދިޔަނަމަވެސް ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޓެކްސް ބޮޑު ކުރުމަށެވެ.