މުރައިދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

މުރައިދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2022 06:00
0

ހއ.މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިމިގައިވާކަމަށް މިމަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %60 ވަނީ މިހާރު ނިމިފައިވާކަމަށެވެ. އަދި ހާބަރ ޕޭވްމެންޓް މަސައްކަތް ވަނީ ނިންމާލެވިފައިކަމަށާއި، އައު ހާބަރ ޕޭވްމެންޓް މަސައްއަތުގެ %95 މަސައްކަތްވެސް ވަނީ ފުރިހަމަ ކުރެވިފައިކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި 50 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 105 މީޓަރުގެ ރިވެޓްމަންޓްޖަހާ، 212 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި 9 މީޓަރު ދިގު އަދި 9 މީޓަރު ފުޅާ ރޭމްޕެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 2 މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހެދުމުގެ އިތުރުން 1،703.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރާނެއެވެ.

މުރައިދޫ ބަނދަރުގެ މަސައްކަތަށް 33.72 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރާގޮތަށެވެ. އާބާދީގައި ގާތްގަނޑަކަށް 450 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ މުރައިދޫއަކީ ޒަމާނީ ބަނދަރެއް ނެތުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.