2021 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރި ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ރަކުލް ޕްރީތު ސިންގް އާއި ޖެކީ ބަގްނާނީ އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރަކުލްގެ ކޮއްކޮ އަމަން ޕްްރީތު ސިންގް އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހުންގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށާއި ކައިވެންޏާއި މެދުގައި ދެމީހުންވެސް ދަނީ ވަރަށް ބޮޑަށް ވިސްނަމުން ކަމަށެވެ.
އަދި އަންނަ އަހަރު ރަކުލް އާއި ޖެކީ ކައިވެނި ކުރާނެ ކަމަށާއި އާއިލާ އިން ވެސް މި ދެމީހުންގެ ޖޯޑާއި ވަރަށް ގަބޫލު ކަމަށް އަމަން އާއި ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ރަކުލްގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށް ކުރި ޕޯސްޓުގައި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރީ ޖެކީއެވެ.
ރަކުލް ބޮލީވުޑަށް ތައާރަފް ވީ 2014 ވަނަ އަހަރުގެ ފިލްމް "ޔާރިޔާން" އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި އެކްޓިންގެ ސަބަބުން އޭނާއަށް ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބެން ފެށިއެވެ.
32 އަހަރުގެ ބަތަލާ އަކީ ސައުތުގެ ވަަރަށް ކާމިޔާބު ތަރިއެކެވެ. ބޮލީވުޑްގެ އިތުރުން އޭނާ އަންނަނީ ޓެމިލް، ޓެލުގޫ، ކަންނާޑާ ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރަމުންނެވެ.
ޖެކީ އަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސް މެއެވެ. އޭނާގެ ފިލްމީ ކެރިއަރ ފެށީ 2001 "ރެހެނާހެ ދިލް މެރޭ" އިންނެވެ. އެފިލްްމު ގައި އޭނާ ފެނިގެންދިޔައީ މާ ޑެލިވަރީ ކޮށްދޭ މީހެއްގެ ގޮތުގައި ވަރަށް ކުޑަ ތަންކޮޅަކުންނެވެ. ނަމަވެސް 2009 ވަނަ އަހަރު އޭނާ ވަނީ "ކަލް ކިސީނޭ ދޭކާ" ކިޔާ ފިލްމަކުން ފެނިގެން ގޮސްފައެވެ.
އެކްޓިންގް ކެރިއަރުގައި ޖެކީ އަށް މާބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. ޖުމްލަ 10 ފިލްްމަކުން ފެނިގެން ގޮސްފައިވާ ޖެކީގެ އެންމެ ފަހުގެ ފިލްމް އަކީ 2018 ވަނަ އަހަރުގެ ޓަމިލް ފިލްމް "މޯހިނީ" އެވެ. އޭނާ ޕްރޮޑިއުސް ކުރި ފިލްްމަކަށް އެންމެ ފަހުން ފެނިގެން ދިއަ ފިލްމަކީ "ކަޓްޕުތުލީ" އެވެ. މި ފިލްމަކީ ލީޑުން ޖެކީގެ ލޯބިވެރިޔާ ރަކުލް އާއެކު އަކްޝޭ ކުމާރު ފެނިގެން ދިޔަ ފިލްމެކެވެ.
އަމަން ގެ މިވާހަކަ ތަކަށް އަދި ޖެކީގެ ފަރާތުން ވެސް ރަކުލްގެ ފަރާތުން ވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އާންމުކޮށް ބޮލިވުޑްގެ ތަރިންގެ ކައިވެނި ތަކަކީ ވަރަށް ސިއްރުން ބާއްވާ ކައިވެނި ތަކެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.