ބޮލީވުޑް ބަތަލާ ރަކުލް ޕްރީތު ސިންގްގެ ކޮއްކޮ އަމަން ޕްރީތު ސިންގް ބޮލީވުޑަށް ތައާރަފް ވުމުގެ މަސައްކަތް ފަށައިފިއެވެ.
އޭނާ މީގެ ކުރިން ވަނީ ސައުތުގެ ބައެއް ފިލްމު ތަކުގައި މަސައްކަތް ކޮށްފައެވެ.
އަމަން އެކޭ އެއް ފަދައިން ރަކުލް އަކީ ވެސް ސައުތުގައި ވަރަށް ގިނަ ފިލްމު ތަކުގައި މަސައްކަތް ކޮށްފައިވާ ކާމިޔާބު ތަރިއެކެވެ. ޓެމިލް، ޓެލުގޫ އަދި ކަންނާޑާ އިންޑަސްޓްރީގެ އިތުރުން ރަކުލް މިހާރު އަންނަނީ ބޮލީވުޑްގައި އޭނާގެ ފައިތިލަ ސާބިތު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އުމުރުން 26 އަހަރުގެ އެކްޓަރުގެ ފިލްމަކީ އަންނަ މަހުގެ 4 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ރާމްރަޖިއާ" އެވެ. އެ ފިލްމުގެ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.
މިތޭޝް ރާއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ޝޮބީތާ ރާނާ އާއި ސަލްމާން ޝައިހް އަދި ރާޖޭޝް ޝަރުމާ ވެސް ހިމެނެ އެވެ.
އަމަން އޭނާގެ އެކްޓިންގ ކެރިއަރު ފަށައިފައިވަނީ 2017 ވަނަ އަހަރުގައި ކުރު ފިލްމަކުންނެވެ. އެ ފިލްމުގެ ނަމަކީ ރޮކް އެންޑް ރޯލްއެވެ. އަދި އެކްޓިންގ ދާއިރާގައި މާބޮޑު ކާމިޔާބެއް އޭނާއަށް ހޯދިފައި ނުވި ނަމަވެސް އޭނާ އަކީ ވަރަށް ކާމިޔާބު ވިޔަފާރިވެރިއެކެވެ.