2014 ވަނަ އަހަރު ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން އާއި ކައިވެނި ކުރި އަޔޫޝް ޝަރްމާ އަކީ ސިޔާސީ އާއިލާ އަކަށް ނިސްބަތްވާ މީހެކެވެ.
އޭނާ ބޮލީވުޑަށް ތައާރަފް ވީ 2018 ވަނަ އަހަރު ސަލްމާން ޚާން ޕްރޮޑިއުސްކުރި ފިލްމު "ލަވްޔާތުރީ" އިންނެވެ. އެއާއެކު އޭނާ އާންމުންނަށް އެގިގެން ދިއައީ ސަލްމާން ޚާންގެ ޅިޔަނުގެ ގޮތުގައެވެ.
ޚަބަރު ތަކާއި މީހުންގެ މެދުގައިވެސް އޭނާ މަޝްހޫރުވެގެން ދިޔައީ ސަލްމާންގެ ޅިޔަނުގެ ގޮތުގައެވެ. އަދި އިންޑަސްޓްރީއަށް ތައާރަފް ވުމުގައި ސަލްމާންގެ ނުފޫޒު އޮތް ކަމަށާއި މިހާރު ފިލްމުތައް ލިބުމުގައި ވެސް ސަލްމާންގެ ނުފޫޒު އޮތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ސަލްމާނަކީ ބޮލީވުޑްގައި ވަރަށް ނުފޫޒު ގަދަ އަދި އެހާމެ ކާމިޔާބު އެކްޓަރެކެވެ. އަރްޕިތާ އަކީ ސަލްމާންގެ އާއިލާ އިން އެޑަޕްޓް ކޮށްފައިވާ، ނަމަވެސް އާއިލާގެ ހުރިހާ އެންމެންގެވެސް ފޭވަރިޓެވެ.
ދާދިފަހުން އަޔޫޝް ބައިވެރިވި އިވެންޓެއްގައި ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުގައި މީހުން އޭނާއަށް އަދިވެސް ގޮވަނީ "ސަލްމާނުގެ ޅިޔަނޭ" ކިޔާފައެވެ. އަދި އޭނާ އަރްޕިތާއާ ކައިވެނި ކުރީ ފައިސާ އަށޭ އެއް ބަޔަކު ކިޔާއިރު އަނެއް ބަޔަކު ކިޔަނީ އެއީ ސަލްމާން މެދުވެރިވެގެން ފިލްމު ކުޅުމުގެ ފުރުސަތު ހޯދުމަށް ކުރި ކައިވެންޏެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި ސަލްމާންގެ އާއިލާގެ މެމްބަރަކާ ކައިވެނިކުރުމުގައި އަމިއްލަ އެއްވެސް އެދުމެއް ނެތެވެ. އަދި އަރްޕިތާއާ ކައިވެނިކުރީ ވަރަށް ލޯބިން ކަމަށް ބުންޏެވެ. ނަމަވެސް ގިނަ ބަޔަކު މިވާހަކަ ގަބޫލެއް ނުކުރެއެވެ. އެއް ސަބަބެއް ކަމަށް އެންމެން ވެސް އިއްތިފާގުވަނީ ސަލްމާން އޭނާ ލޯންޗުކުރުމެވެ.
ފިލްމީ ތަރިންގެ ދަރިއަކަށް އޭނާ ނުވިޔަސް ހިންދީ ފިލްމު އިންޑަސްޓްރީއާ ގުޅުން ނެތް ބޭރުން އަންނަ މީހުން ފިލްމީ މަސައްކަތް ހޯދަން ކުރަން ޖެހޭ ވަރަށް އަޔޫޝް އަކަށް ފިލްމުކުޅުމުގެ ފުރުސަތު ހޯދަން މަސައްކަތް ކުރަން ނުޖެހުނުކަން ޚުދް އަޔޫޝް ވެސް ގަބޫލު ކުރެއެވެ.
މިއީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް މަލާމާތް ކުރާ ކަމެއް ވެސް މެއެވެ. އަލަތު ފިލްމަށް ފަހު އަޔޫޝް ދެން ވެސް ފެނިގެން ދިއައީ ސަލްމާން ޕްރޮޑިއުސް ކުރި ފިލްމެއް ކަމަށްވާ "އަންތިމް: ދަ ފައިނަލް ޓޫރޫތު" އިންނެވެ. އެފިލްމުގައި އޭނާ ފެނިގެން ދިޔައީ ސަލްމާނާއެކުއެވެ.
އަރްޕިތާ އާއި އަޔޫޝް ކައިވެނި ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ވަރަށް ކުލަގަދަ ހަފްލާއެއްގައެވެ. އަދި މިކައިވެނިން އެ ދެމަފިރިންނަށް ވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ލިބިފައެވެ.