ނިހާދު؛ ހަސަނަށް: ބަރުލަމާނީ ވަޒީރުކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫން

ނިހާދު؛ ހަސަނަށް: ބަރުލަމާނީ ވަޒީރުކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫން

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 04:52
0

ސަރުކާރުން އަމިއްލަ ހަދާ ގޯސްތަކުގެ ސަބަބުން މިދަނޑިވަޅުގައި ރައްޔިތުންގެ އަތުން ޓެކްސް ނެގުމަށް ތާއީދު ނުކުރާކަމަށް ވިދާޅުވެ މެމްބަރު ހަސަން ލަތީފް ދެއްކެވި ވާހަކަތަކަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ރައްދު ދެއްވައިފިއެވެ.

ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް މުޅި މަޖިލީހުގެ ކޮމެޓީގައި މެމްބަރު ހަސަން ދެއްކެވި ވާހަކަ ހިއްސާ ކުރައްވާއި އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ތަކުރާރުކޮށް ކަންކަން މިސްމެނޭޖް ކުރަމުން ދިއުމާއި، ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތަކުގެ ސަބަބުން ދައުލަތަށް ވަމުންދާ ގެއްލުން ފޫބެއްދުމަށްޓަކައި އެކަމުގެ ބުރަ ރައްޔިތުންނަށް ޖެއްސުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ހަސަންގެ ވާހަކަތަކަށް ރައްދު ދެއްވައި ނިހާދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، އޭގެ ތެރެއިން ވަޒީރުކަމަށް އިންތިޒާރު ކުރި ބޭފުޅުންނަށް އެކަން ނުވުމަކީ ވެރިކަން ވައްޓާލަން ދިމާކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެނައުމަށް ކުރާ އުންމީދު ދޫކޮށްލައި ވެރިކަން ވައްޓާލަން އުޅޭހިސާބަށް ދާން ނުޖެހޭކަމަށް ނިހާދު ވިދާޅުވިއެވެ.

ބަރުލަމާނީ ވަޒީރު ކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫން! އަދި ބަރުލަމާނީ ގެނެވިދާނެ! އެ ފުރުސަތެއް ނުގެއްލޭ.

މެމްބަރު ނިހާދު ވިދާޅުވިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި ބިލާއިމެދު މުޅި މަޖިލިސް ކޮމެޓީގައި ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުންވަނީ މިބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން ކަމާއި ގުޅުންހުރި އިދާރާތަކާއި، އެކިއެކި ސިނާއްތަތަކުގެ ޚިޔާލުވެސް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއިއެކު ރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތައް ރައްޔިތުންނަށް އެނގުމަކީ މުހިންމު ކަމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި ޚާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރާއިރު ރައްޔިތުންނަށް އެކަމުން ކުރާ އަސަރުތައް ސާފުކޮށް ދިނުމަކީވެސް މުހިންމު ކަމެއްކަމަށް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ޖީއެސްޓީ އަދި ޓީޖީއެސްޓީއަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.