ހިނގަމުންދާ ޔޫކުރެއިން ހަނގުރާމާގައި ބޭނުން ކުުރުމަށް އިރާންއިން ރަޝިއާއަށް ޑްރޯން ސަޕްލައި ކޮށްދީފައި ވާތީ، އިރާނާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫއިން ނިންމާފައިވާކަމަށް، އީޔޫގެ ރިޔާސަތު ބަހައްޓަމުންދާ ޗެކްރިޕަބްލިކްއިން ބުނެފިއެވެ.
"ޔޫކުރެއިންއަށް ހަމަލާ ދެމުންދާ އިރާންގެ ޑްރޯންތައް ރަޝިއާއަށް ފޯރު ކޮށްދީފައިވާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫގެ އެމްބެސެޑަރުން ވަނީ އެއްބަސްވެފަ،" އީޔޫގެ ރިޔާސަތު ބަލަހައްޓަމުންދާ ޗެކްރިޕަބްލިކް އިން ބުނެފައި ވެއެވެ.
"އީޔޫގެ ގައުމުތަކުން ވަނީ ނިންމާފަ ޑްރޯންތައް ޑެލިވަރ ކޮށްދީފައިވާ ތިން މީހަކާއި އެއް މުވައްސަސާގެ އެސެޓް ފްރީޒް ކުރުމަށް، އަދި އޭގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅު ކުރިން އަޅާފައިވާ ފަރާތްތަކާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްވެސް ވަނީ ނިންމާފަ،" އެގައުމުން ބުނެފައި ވެއެވެ.
ރަޝިއާއިން މިހާރު އިރާނަށް ހަމަލާ ދިނުމުގެ ބޭނުން ކުރަމުން ދަނީ، އިރާނުން ފޯރުކޮށްދީފައިވާ ޑްރޯންތަކެވެ. މި ޑްރޯންތަކުގެ ބޭނުން ކޮށްގެން ރަޝިއާއިން ދަނީ ޔޫކުރެއިންގެ ހަކަތަ އުފައްދާ ކާރުޚާނާތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔޫކުރެއިންގައި ކަރަންޓު އުފެއްދުމަށް ދަތިވެ، ކަރަންޓު ބޭނުން ކުރުން ކޮންޓްރޯލް ކުރުމަށް ޔޫކުރެއިން ސަރުކާރުން މިހާރުވަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.