އިހަވަންދޫ އެމްޑީޕީގެ އިސްބޭފުޅުންތަކެއް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެއެވެ.
އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން ޕީޕީއެމްއާއި ގުޅުނު ބޭފުޅުންގެ ފޯމުތަކާއި ހަވާލުވެ ވަޑައިގެންނެވި ޕީޕީއެމްގެ ރައީސް ޔާމީނެވެ. މިރޭ ސޮއިކުރި ބޭފުޅުންގެ ތެރޭގައި އިހަވަންދޫގައި އެމްޑީޕީ ނެގެހެއްޓުމަށް ބޮޑެތި ގުރުބާނީވި ބޭފުޅުން ހިމެނެއެވެ. އެބޭފުޅުން އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅުނީ އުންމީދު ކުރި ވަރާއި ގާތަށްވެސް ކަންކަން ނުގޮސް ސަރުކާރުގެ ތެރެއިން ބޮޑެތި ގޯސްތައް ފެންނާނީކަމަށް ވަނީ ބުނެފައެވެ.
ރައީސް ޔާމީން ވަނީ ޕީޕީއެމްއާއި އަލަށް ގުޅުނު އެމްޑީޕީ މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާ ދަންނަވާފައެވެ. އަދި ރައްޔިތުންނަށް ކޮށްދެވޭނެ ކަންކަމުގެ ވާހަކަ ދައްކައި އެކަންކަން ހާސިލް ކޮށްދެއްވުމަކީ އެމަނިކުފާނު ގެންގުޅޭ ސިޔާސަތުކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ހއ. އަތޮޅުން ޔާމީން ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ދިއްދޫ އާއި އިހަވަންދޫ އާއި ކެލާ އަދި ތުރާކުނުގެ އިތުރުން ބާރަށެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑު 2023ގައި ރައީސް ކަމަށް ހޮވިއްޖެނަމަ، މަސްކިލޯ އެއްގެ އަގު އެންމެ ދަށް ވެގެން 20 ރުފިޔާ ގަ ބަހައްޓާ ދޭނަން – ރައީސް ޔާމިން pic.twitter.com/AeHC2PXfIk
— Firaash (@Phiraash) October 15, 2022
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީންގެ މި ދަތުރުފުޅުގައި އެންމެ މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. އޭގެ ތެރޭގައި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ކަހަލަ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުން އޮންނާނެއެވެ.
ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ޔާމީން ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު މިއީ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ ދ. ކުޑަހުވަދޫ އަށެވެ.
މި ދަތުރުފުޅުގައި ޔާމީނާ އެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހިމެނޭ ގޮތަށް އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ