ޓެކްސް ބޮޑު ކުރުމަށްވުރެ ސަރުކާރުން ކުރަމުންދާ ބޭކާރު، ޚަރަދުތައް ކުޑަކުރުން މާބުއްދިވެރި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމުމަކީ ސިޔާސީގޮތުން އުނދަގޫ އަދި ގޮންޖެހުން ބޮޑު ނިންމުމަކަށް ވީނަމަވެސް، އެބަދަލު ގެންނަނީ މުޅި ރައްޔިތުންގެ ފައިދާއާއި ލަބަޔަށްޓަކައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން ކުރަމުންދާ ހޭދަތައް ބޮޑުވެގެން އެކަންކަން ދެކޮޅު ޖެއްސުމަށްޓަކައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޓެކެސް ބޮޑު ކުރުމުން ރައްޔިތުންނަށް ލިބޭނެ ލާބަޔަކީ ކޮބައިކަން ބުނެދޭންޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިދަނޑިޅުގައި ކުރަން އެންމެ ރަނގަޅު ކަމަކީ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަކުރުންކަމަށެވެ.
ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ފޫބެއްދުމަށް ޓެކްސް. ބޮޑުކުރުމުންް ރައްޔިތުންނަށް ލިބޭ ލާބަޔަކީ ކޮބައޮތޯ؟ ސަރުކާރުގެ ހަރަދުތައް/ އިސްރާފް ކުޑަކުރުން މާބުއްދިވެރި.
– އަލީ އާޒިމް ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީ %12 އިން %16 އަށް، އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމަށެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ.
ޖީއެސްޓީ އަދި ޓީ–ޖީއެސްޓީއަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެެވެ.