ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ސަރުކާރަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވުމަކީ ސަރުކާރަށް ރައްޔިތުން ކުރަމުންދާ އިތުބާރު ގެއްލިފައިވާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހ.ބޮނޑިކަނދޮޅުގޭ މުޙައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު މިމަހުގެ 2 ވަނަ ދުވަހު ހުޅުމާލެއިން ފެނިފައިވާއިރު، މިކަމުގައި ފުލުހުންނަށާއި ކަމާއި ގުޅުންހުރި އިދާރާތަކަށް އެކަށީގެންވާ މަސައްކަތް ކުރެވިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށް އާދަމް ޝަރީފް ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ނުބެލުމަކީ ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމެއްކަމަށެވެ.
އަދި މިއަދު މަޖިލީހަށް ހުށަހެޅިފައިވަނީ މީހެއްގެ މަރުގެ މައްސަލައަކަށް ވާއިރު، މިމައްސަލަ މަޖިލީހަށް ބަލައި ގަންނަންވެސް އެމްޑީޕީގެ ލީޑަރޝިޕުން ދެކޮޅު ހެދުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރޝިޕުން އެމައްސަލަ ބަލައި ނުގަންނަން ނިންމުމަކީ ލަދުވެތިކަމެއް. ދިވެހި ޒުވާނަކު ގެއްލި އޭނާގެ ހަށިގަނޑު ފެނުމުން އެވާހަކަ ދައްކަން ދެކޮޅު ހެދުމަކީ ކަންބޮޑުވާކަމެއް. ފުލުހުންނަށް އެކަށީގެންވާ ވަރަށް ނެތް މިމައްސަލަ ބެލިފައި. މަރުގެ މައްސަލަތައް ފަރުވާ ކުޑަކޮށް ދޫކޮށްލުމުން ކުރިމަތިވާ މައްސަލަތައް އިތުރަށް ތަކުރާރުވާތަން ފެނިގެން މިދަނީ. މިކަން ސަރުކާރަށް ނުބެލޭނަމަ މިއީ ކަންބޮޑުވުމެއް.
– ހަސަން ވިދާޅުވިއެވެ.
ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު އަޒްހާންގެ ފޯނު މިހާރު ހޯދިފައިވާކަމަށާއި ނަމަވެސް އޭނާ މަރާލާފައިވާ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޮކްޓޫބަރު 2 ވަނަ ދުވަހު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ހިސާބުންފެށިގެން ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ތަހްގީގް ބަދަލުކޮށް ތަހްގީގް ފަށާފައިވާކަމަށާއި، ހަށިގަނޑުގެ އިތުރު ތަހްގީގްތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްވެސް ފުލުހުން ކުރަމުން އަންނަކަމަށް ބަޔާނުގައިވެއެވެ. ފުލުހުން ވިދާޅުވީ، އަޒްހާންގެ ފޯނު މިހާރު ހޯދިފައިވާކަމަށާއި، އޭނާ މަރާލާފައިވާކަމަށް ބެލެވޭ އެއްވެސް ހެއްކެ ނުވަތަ ގަރީނާއެއް މިމައްސަލައިގެ ތަހްގީގަށް މިހާތަނަށް ލިބިފައިނުވާކަމަށެވެ.
އަޒްހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔައިރު، ތަހްގީގްގައި ކުރެވެމުން ދިޔަ މަސައްކަތްތައް ކޮންމެ ދުވަހަކު އާއިލާއާއި ހިއްސާކުރަމުން ދިޔަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ