ވެރިން ޒިންމާތަކުން ބަރީއަވިޔަސް، މިވެރިކަމުގައި ރައްޔިތުން ސިއްކަ ޖަހާނެ: ޓޮމް

ވެރިން ޒިންމާތަކުން ބަރީއަވިޔަސް، މިވެރިކަމުގައި ރައްޔިތުން ސިއްކަ ޖަހާނެ: ޓޮމް

ޔޯގާ ޑޭގައި ހަމަނުޖެހުން ހިންގި މައްސަލައިގައި އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކަށް ދައުވާ ކުރި ނަމަވެސް ރައްޔިތުން މިވެރިކަމުގައި ސިއްކަ ޖަހާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތައް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި 18 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި އެންމެންގެ މައްސަލަ ކްރިމިނަލްކޯޓަށް ހުށައަޅާފައިވާކަމަށެވެ.

މިމައްސަލާގައި ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުންދާއިރު ޓޮމް ވިދާޅުވީ ދައުލަތެއްގެ ޒިންމާއަކީ ރައްޔިތުން ކުށްވެރިކޮށް ރައްޔިތުންނަށް އަނިޔާ ދިނުންކަމަށެވެ. ރައްޔިތުން އިންތިޚާބުކުރި ވެރިންނާއި، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބެވި ވަޒީރުން އަދާކުރައްވަންޖެހޭ ޒިންމާ އަދާ ނުކުރުމަކީ އެކަމުގެ އަދަބު އާންމު ރައްޔިތުންނަށް ލިބެންޖެހޭ ކަމެއް ނޫންކަމަށް ޓޮމް ވިދާޅުވިއެވެ.

ޔޯގާގެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލުމަކީ އިންސާފެއްނޫން. ދައުލަތެއްގެ ބޭނުމަކީ ރައްޔިތުން ކުށްވެރި ކުރުމެއްނޫން. ހޯމް މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދާއި، އިސްލާމިކް މިނިސްޓަރާއި ޔޫތު މިނިސްޓަރުގެ ޒިންމާ އަދާނުކޮށް ރައްޔިތުން ކުށްވެރި ކުރަންޖެހޭ ސަބަބެއްނެތް.

– ޓޮމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދައުވާތަކަކީ ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލް ކުރުމަށްޓަކައި އިންޑިއާ ރުއްސުމަށް ކޮށްފައިވާ ދައުވާތަކެއްކަމަށެވެ. ނަމަވެސް މަތިމައްޗަށް ކިތަންމެ ދައުވާތަކެއް އުފުލި ނަމަވެސް ރައްޔިތުންގެ އަތުގައި ވޯޓު ކަރުދާސް ޖެހެން ދެން މާގިނަ ދުވަހެއް ނެތްކަމަށާއި، ރައްޔިތުން މިސަރުކާރަށް ނިމުން ގެންނާނެކަމަށް ޓޮމް ވިދާޅުވިއެވެ.

ކެތްތެރިވާށެވެ. ވޯޓު ކަރުދާސް އަތަށް ލިބެން މާގިނަ ދުވަހެެއް ނެތެވެ. އިންޑިއާއިން ކިތަންމެ ވަރަކަށް އުޅުނަސް 2023 ގައި ރައްޔިތުން ނިކުމެ މިވެރިކަމުގައި ސިއްކަ ޖަހާނެ.

– ޓޮމް ވިދާޅުވިއެވެ.

ޔޯގާ މައްސަލާގައި ދައުވާ ކުރި ގިނަ މީހުންނަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެވެ. މިދައުވާތައް ސާބިތު ވެއްޖެނަމަ 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިމައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ދައުވާތައް ސާބިތު ވެއްޖެނަމަ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރަންޖެހޭފަދަ ހުކުމްތަކެއް އަންނާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.