މިސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުލަ ހުވަފެން ދައްކައި ތަރައްޤީ ގެނެސްދޭނެ ކަމަށް ވައުދުވި ނަމަވެސް މިސަރުކާރުން ގެނެސްދިނީ މދިރި ފަނީގެ ތަރައްޤީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
މިއަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕިއެންސީއަށް ދިން ތާއީދަށް ޝުކުރު އަދާކުރުމަށްޓަކައި ލީޑަރޝިޕްއިން ހިތަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ އައްޑު ތަރައްގީ ނުވެ ރާއްޖެ ތަރައްގީނުވާނެކަމަށެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން 2018 ވަނަ އަހަރު ނިމުމަށްފަހު އައްޑޫއަށް ތަރައްގީ އައިސްފައިނުވާކަމަށް ތާރިގު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އައްޑޫ ތަރައްގީ ކުރެވިފައި ނުވާކަމަށް ވިދާޅުވެ ވަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
ތޯރިގް ވަނީ ކޮންމެ ގެއަކުން ނުކުންނަ އިރު، އެ ގެގޭ ދޮރުމަތީގައި މަދިރި ފެންގަނޑެއް ހަދާފައި އޮންނަ ކަމަށް ވިދާޅުވެ، އެ ނޫން ތަރައްގީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީއަށް ގެނެވިފައި އޮތްތޯ ސުވާލު ކުރައްވައިފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަކާއި ގުޅުން ހުރި އެއްވެސްކަމެއް ކުރެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް ތޯރިގް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރީ ސަރުކާރުން ކޮށްފައިވަނީ އެހުމެއްނެތި ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
ރައްޔިތުން މިފަހަރު ނިންމާފަ މިއޮތީ ރާއްޖޭގެ މިނިވަންކަމާއި ގުޅޭ ވޯޓެއް. ކަނޑުގެ ސަރަހައްދުން، އައްޑޫ އަތޮޅުން ފޯޅަވައްސާއި ދޭތެރޭ ކަނޑުން ބޮޑު ބައެއް ދޫކޮށްލީ އަހާވެސް ނުލާ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ފާޅުކޮށް އެއޮތީ ބުނެފަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ވިއްކޭނީ ރައްޔިތުންގެ މަޖިލީހުގެ 3 ބައި ކުޅަ އެއް ބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނޭ.
– ޓޮމް ވިދާޅުވިއެވެ.
މީގެ އިތުރުން ޓޮމް ވަނީ މަޖިލީސް އިންތިހާބާއި ގުޅުވައި ވާހަކަދައްކަވާފައެވެ. ޕްރައިމަރީގައި ނާކާމިޔާބީ ލިބުނު ނަމަވެސް، ކާމިޔާބީ ލިބުނު ކެންޑިޑޭޓުގެ ފަހަތަށް އެރުމަށް ތާރިގު އެދިވަޑައިގެންނެވިއެވެ. މަޖިލީހުގެ މެޖޯރިޓީގެ މުހިންމުކަން ފާހަގަކުރައްވާ ތާރިގު ވިދާޅުވީ، ޕާޓީގެ ރޫހު ދަމަހައްޓައިގެން މިކަން ކާމިޔާބުވާނެކަމަށެވެ.
މިދިޔަ ފަސް އަހަރުގައި ރާއްޖެއަށް އެއްވެސް ތަރައްގީއެއް ގެނެސްފައިނުވާކަން ފާހަގަކުރައްވަމުން ތޯރިގް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެނެސްދޭނެކަން ރައީސް ސޯލިހު ވިދާޅުވި ނަމަވެސް އެމަނިކުފާނު ވިދާޅުވާ އެއްޗެއްގެ މާނަ އެމަނިކުފާނަށް ދޭހަނުވާ ކަމަށެވެ.