މަސްދަރު ހާމަކުރާ މާއްދާއަށް ބައެއް ބަދަލުތަކާއެކު، ބިލު ރައީސް އޮފީހަށް

މަސްދަރު ހާމަކުރާ މާއްދާއަށް ބައެއް ބަދަލުތަކާއެކު، ބިލު ރައީސް އޮފީހަށް

ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތައްޔާރުކޮށް ރައީސް އޮފީހަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފޮނުވައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މި ބިލު އެކުލަވާލާފައި މިވަނީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ކުށްތައް ބަޔާންކޮށްދީފައި ނުވާއިރު، އެފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެތީ ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން އެ މާއްދާ އިސްލާހު ކުރާ ބިލު ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ރައީސް އޮފީހަށް ފޮނުވާފައިވާ ބިލުގައި ހިމެނޭ އެއް ބަދަލަކީ، މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކޮށްދިނުމެވެ.

ކުރިން ގާނޫނުގައި އޮތީ މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރަށް ދައުވާ ކުރާ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށެވެ. ފަހުން ފޮނުވި ބިލުގައި ހިމެނި ބަދަލަކީ، ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި އެ ކަން ކަނޑައެޅުމަށެވެ.

އެފަދަ އަމުރެއް ހައި ކޯޓުން ނެރުމުގައި ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ވެސް ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ގާނޫނަށް ގެންނަން ބިލު ތައްޔާރު ކުރި ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް އަދިވެސް ބިލުގައި އޮތުމުން ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެ ބައި ބިލުން އުނިކޮށްދޭން އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *