ގަސް ކަނޑާތީ ކޯޓަށް! ބިންހިއްކުމަށް ފަރުތަކާއި ގިރިތައް ގޮއްވުން ރަގަޅު! ތިމާވެށީގެ ދެކޮޅު ނުޖެހޭ ސިޔާސަތު!

ގަސް ކަނޑާތީ ކޯޓަށް! ބިންހިއްކުމަށް ފަރުތަކާއި ގިރިތައް ގޮއްވުން ރަގަޅު! ތިމާވެށީގެ ދެކޮޅު ނުޖެހޭ ސިޔާސަތު!

ދިވެހި ރާއްޖެއަކީ ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތި ވެފައިވާ އެއް ގައުމެމެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތާއި، ފަސްގަޑު ތިރި މިރަށްތައް މާ ކަނޑުގެ މެދުތެރޭގައި ޖޯގްރަފީގެ ގޮތުން އެތުރިފައި އޮތްގޮތަށް އެކަނި ނަަރެއް ހިންގާލުމުންވެސް، ދުނިޔޭގެ ތިމާވެއްޓަށް އަންނަަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ދެމިއޮތުމާއި ގުޅި ލާމެހިގެން ގޮސްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ތަސައްވުރު ކޮށްލެވެއެވެ.

މިގޮތުން ބަލާއިރު، ދުނިޔޭގައި ސިނާއީ މަސައްކަތްތައް ފާއިތުވެދިޔަ 200 އެއްހާ އަހަރުގެ ތެރޭގައި އާންމުވެގެން އައި އައުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔެ ހޫނުވަމުންދާ ދިއުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދާ، އަދި ކުރާނެ އެއްގައުމެއްގެ ގޮތުގައި ދުނިޔެއިން ފާހަގަވާން އޮތީވެސް ދިވެހިރާއްޖެއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ގިނަ ރަށްތަކަކީ، ކަނޑުގެ ސަތަހައިން ފެށިގެން 1 މީޓަރު ހަމަނުވާ އުސްމިނުގައި އުފެދިފައި ހުރި ރަށްތަކެއް ކަމުގައި ވުމެވެ.

ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން ވެގެން ދަނީ، އަންނަ ކޮންމެ ސަރުކާރެއްގެވެސް ސިޔާސަތުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީ، އަދި އެކަމަށް ބައިނަލް އަގުވާމީ ޕްލެޓްފޯމް ތަކުގައި އެންމެ ބޮޑަށް ވަކާލާތުކުރާ އެއް މައްސަލަ ކަމުގައުވެސްމެއެވެ. މީގެ ތެރޭގައި ދުނިޔެ ހޫނުވަމުން ދާ ދިއުމުގެ މައްސަލަ ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމުގެ އިތުރުން، ދުނިޔެއަށް ބޭރުވަމުންދާ، ގެދަބުޅި އެކުލެވޭ ދުމުގެ މިންވަރު މަދުކުރުމަށްވެސް ރާއްޖެއިން ދަނީ އަޑު އުފުލަމުންނެވެ.

ދިވެހިރާއްޖެއަކީ ތިމާވެށިގެ ނާޒުކު, ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ގައުމެއް

ހަމަ އެއާއެކު ފަރުތައް ހިމާޔަތް ކުރުމާއި، ކަނޑުފަޅުގެ ރައްކާތެރިކަމާ ގުޅޭގޮތުން، ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ފާއިތުވެދިޔަ ތަނުގައިވަނީ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ވަރަށްވެސް އަޑުހަރުކޮށް ވަކާލާތު ކޮށްދެއްވާފައެވެ.

އެހެންނަމަވެސް ފާހަގަވާން އޮތް ކަމަކީ، އިސްވެ ދެންނެވުނު ތިމާވެށީގެ މައްސަލަތަކުގައި ދިވެހިރާއްޖެއިން ފާއިތުވެދިޔަ ތަނުގައިވެސް އަދި މިހާރުވެސް އަޑު އުފުލަމުން ދާއިރު، ވެރީންގެ މި އަޑުއުފުލުންތަކާއި، ވަކާލާތު ކުރުންތަކުގައި އަމަލާއި ބަހާއި ދިމާނުވާ އެތައް ކަމެއް ހުރުމެވެ. މިކަންކަމުގައި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ވަކި ސިޔާސަތެއް، ދިވެހިރާއްޖޭގައި ވަކި ސިޔާސަތެއް ތަންފީޒު ކުރަމުންދާ ދިއުމެވެ.

 

ގަސް ކެނޑުން ގޯސް، ބިން ހިއްކުމަށް ފަރުތައް ގޮއްވުން ރަގަޅު!

ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ފަހަކަށް އައިސް ރާއްޖޭގައި އެންމެ ބޮޑަށް ކުރެވެމުންދާ ބަހުސަކަށް ވެގެން ގޮސްފައިވަނީ، ރަގަޅު ފެންވަރަކަށް އަމީނީމަގު ހެދުމަށްޓަކާ، އެ މަގުގައި ހުރި ގަސްތައް އާރުޑީސީންނާއި ސިޓީ ކައުންސިލުން ނަގަން ފެށި ފެށުމެވެ.

އަމީނީ މަގުގައި ތާރަ އެޅުމުގެ މަސައްކަތް އާރުޑީސީން މިހާރު ފަށާފައިވާއިރު، ސަރުކާރުން ވިދާޅުވެފައިވަނީ، އަމީނީ މަގުގައި ހުރި ގަސްތައް ނުނަގާ އެމަގުގައި ތާރަ އެޅުމުގެ މަސައްކަތް ކުރެވެން ނެތްކަމުގައެވެ. ނަތީޖާއެއްގެ ގޮތުން، އެމަގުގައި ހުރި ބޮޑެތި ބައެއް ގަސްތައް އާރުޑީސީންނާއި ސިޓީ ކައުންސިލުގެ ފަރާތުން މިހާރު ނަގަން ފަށާފައިވާއިރު އާރުޑީސީން ބުނެފައިވަނީ، އަމީނީމަގުގެ މަސައްކަތް ނިމޭއިރު، އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާ، މަގު ފެހިކުރާނެކަމަށެވެ.

އެހެންނަމަވެސް އަމީނީ މަގުގެ ގިނަ އަދަދެއްގެ ގަސް ކަނޑަމުންދާ ދިއުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. ހަމަ އެއާއެކު، އަމީނީ މަގުގެ ގަސްތައް ކަނޑާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އަމީނީމަގުގައި ހުރި ގަސްތައް ކަޑާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއްކަމަށެވެ. މާލޭގައި ދިރިއުޅޭ އެތައް ބަޔަކު މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ސަރުކާރާއި މިމަސައްކަތް ކުރާ ކުނުފުނިންވެސް ދެވަނަ ވިސްނުމަކަށް މިކަމުގައި ދާންޖެހޭކަމަށް ވިދާޅުވުމަށްފަހު، ނަޝީދު މިހާރުވަނީ ގަސްތައް ނެގުން ހުއްޓުވުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.

އަމިނީމަގު ހެދުމަށްޓަކާ, އެމަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދަނީ ބޮޑެތި ގަސްތައް ފަނުން އިންދާ ގޮތަށް ޕްލޭން ކޮށްގެން

މި މައްސަލައިގައި ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ މައްސަލައާއި ގުޅިގެން ވަކި ގޮތެއް ޝަރީއަތުން ނިންމަންދެން ގަސް ނެގުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށެވެ. ނަޝީދުގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާއިރު ފާޑުކިޔުންތައް ބޮޑުވުމުގެ ސަބަބުން މާލޭ ސިޓީ ކައުންސިލުން ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓާލާފައެވެ.

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވުމުގެ އަމުރަކަށް ނަޝީދުގެ ފަރާތުން އެދިފައިވާއިރު، ގަސް ކެނޑުމަކީ އޭގެ ޒާތުގައި ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ކަމަކަށްވި ނަމަވެސް، ބައެއް ފަރާތްތަކުގެ ޝަކުވާއަކީ، ގަސްކެނޑުމުގެ މައްސަލަ ބޮޑުވެ، އެކަ ހުއްޓުވުމަށް މަޖިލިސް ރައީސްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ތިމާވެއްޓާއި ގުޅުންހުރި މިއައްވުރެ މާ ބޮޑެތި އަދި ސީރިއަސް މައްސަލަތައް ހުރިކަމެވެ.

އޭގެ ތެރޭގައި، ރައްޖޭގެ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގުމަށްޓަކައާއި، އަދި އެނޫނަސް ސިނާއީ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށްޓަކާ، ބޮޑެތި ޖައްރާފާތައް ބޭނުންކޮށްގެ ހިންގާ، ފަޅުތައް ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކުގެ ނަތީޖާއެއްގެ ގޮތުން ރީތި މުރަކަތަކުގެ މައްޗަށް ހެދިފައިހުރި އެތައް ފަރުތަކެއް ނެތިގެން ހިގައްޖެއެވެ. އޭގެ އިތުރުން މި ފަޅުރައް ހިއްކުމަށް ބޭނުންވާ ވެއްޔާއި ފަސް ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުން ނެގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ހާހަލާއި ފަަޅުތަކުގެ ސާފުކަން ގެއްލި، ކަނޑުގެ ދިއުރުން ހުރި އެތައް މާހައުލަކަށް މިކަމުން ނުރައްކާތެރިކަން ވަރަށްވެސް ބޮޑުވެގެން ގޮސްފައިވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެހެންނަމަވެސް، ފަހުން އިންދާ ގޮތަށް ނަމަވެސް، އަމީނީ މަގުން ގަސް ކަނޑާތީ އެމައްސަލަ ބޮޑުވެގެން މިއަދު ވަކާލާތު ކުރައްވަމުން ގެންދަވާ ބޭބޭފުޅުންނަށް، ބިން ހިއްކުމުގެ ސަބަބުން ރާއްޖޭގެ ފަޅުތަކާއި ހާހަލާއި ގިރިތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް ވަޒަންކުރެވި، އެކަންކަމުގެ ހިމާޔަތުގައި ވަކާލާތު ކޮށްފައެއް ނުވެއެވެ. ފަޅުތައް ފުންކުރުމަށާއި ބިންތައް ހިއްކުމަށްޓަކާ، ފަރުތައް ނެތި ކޮށްލާންޖެހޭތީ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ކޯޓަށްވެސް ވަޑައިގެންފައެއް ނުވެއެވެ. ކަނޑުގެ ދިރުމަށް ލިބެމުންދާ ގެއްލުންތަކުގެ ވާކަތައް މިހާތަނަށް ދައްކަވާފައެއްވެސް ނުވެއެވެ.

އެހެންނަމަވެސް، ފަހުން އިންދާ ގޮތަށް، އަދި ނަގާ ގަސްތައް އަލުން އިންދާ ގޮތަށް، އަމީނީމަގުން ގަސްތައް ކަނޑަމުންދާ މައްސަލަ ހިނގާބިގާވެ އުޅޭ މީހުންގެ ސަމާލުކަމަށް އައިސް، ގިނަ ބައެއްގެ ފާޑުކިއުން މިކަމަށް އަމާޒުވެގެން ދިޔަ ހިސާބުން، ސިޔާސީ ބައެއް ފަރާތްތަކަށް މިއީ ގައުމަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލަކަމުގައި ވެގެން ހިގައްޖެއެވެ.

އަމީނީ މަގުން ބޮޑެތި ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަސް އެދި ނަޝީދުވަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވާފަ

 

ދެކޮޅު ނުޖެހޭ ސިޔާސަތު!

ދިވެހިރާއްޖޭގެ ތިމާވެށިގެ މައްސަލަތަކަކީ، ފާއިތުވެދިޔަ ތަނުގައި އެ މައްސަލަތަަކަށް އެކަށީގެންވާ ހައްލު ހޯދުމުގެ ބަދަލުގައި، މި ޟައީފް ތިމާވެށީގެ ވާހަކަ ދައްކަވައިގެން މެޑަލް ޖައްސަވާ، އެވާރޑްތައް ހޯއްދަވާ، ބައިނަލްއަގުވާމީގޮތުން އަމިއްލަ ސަމާލުކަން އިތުރު ކުރެއްވުމަށް ރާއްޖޭގެ ކުރީގެ ވެރީން ފާއިތުވެދިޔަ ތަނުގައި ބޭނުންކުރެއްވި، އެހެންނަމަވަސް ނާޒުކު މައްސަލައެއްކަން މިފުރުސަތުގައި ފާހަގަކުރާން ޖެހެއެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ، ތިމާވެށީގެ މައްސަލަތަކުގައި މިއަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭބޭފުޅުންގެ ސިޔާސަތުތަކެވެ. މިގޮތުން، އެންމެ ޚާއްސަގޮތެއްގައި ފާހަގަވާން އޮތީ، ވިލިމާލެ ބުރިޖް އެޅުމަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑިއާގެ ކުންފުނިން ބޭނުންކުރަމުންދާ ބްރިޖް ޕްލެޓްފޯމް ވިލިމާލޭ ފަރަށްއަރާ، އެތައް ހަފްތާއެއްވަންދެން އެޕްލެޓްފޯމް ބިޔަ ރާޅުތަކާއެކު ފަރާއި ތޮޅެމުންދިޔައިރުވެސް، ރާއްޖޭގައި ތިއްބެވި، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރައްވާ ސިޔާސީ ފަރާތްތަކުން ހަނު ތިއްބެވި ތިއްބެވުމެވެ. އެފަރާތްތަކުގެ ހިމަލެއް ނުވިއެވެ.

އަދި އެއަށްފަހު، މި ޕްލެޓްފޯމުން ވިލިމާލޭ ފަރަށް ލިބިގެން ގޮސްފައިވާ ބޮޑެތި ގެއްލުންތައް ފެންނާންހުރި އިރުވެސް، ކުޑަ މިނުން މިކަމުގެ ކަންބޮޑުވުންވެސް މި ދެންނެވި ފަރާތްތަކުން ފާޅުކޮށްފައިވެސް ނުމެވޭމެއެވެ.

މިގޮތުން، ބިން ހިއްކާ ފަޅު ފުންކުރުމަށް، ފަރުތައް ގޮއްވުމާއި، ފަރުތަކާއި ހާހަލާއި އަދި ރީތިހާ ގިރިތަކެއް ތަރައްގީއަށްޓަކާ ގުރުބާން ކުރެވިގެން ދިއުން ވަރިހަމަވެ، ފަހުން އިންދާ ގޮތަށް ނަމަވެސް އަމީނީމަގުން ގަސް ކެނޑުން މިއަދު ވެގެން މިދިޔައީ ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލަ ކަމުގައެވެ.

ގައުމަށް ކުރިމަތިވެފައިވާ ނާޒުކު ތިމާވެށީގެ މައްސަލަތައްވެސް ވެގެން މިދަނީ، ބައިނަލްއަގުވާމީގޮތުން މެޑަލް ޖެހުމާއި، ކުރީގެ ވެރީންގެ އަމިއްލަ މަޝްހޫރުކަން އިތުރުކުރުމާއި ގުޅި ލާމެހިގެންދާ މައްސަލައެއް ކަމުގައެވެ. އެހެންނަމަވެސް ގައުމަށް ކުރިމަތިވެފައިވާ މިފަދަ ބޮޑެތި މައްސަލަތަކުގައި އިޚްލާސްތެރި، ދެކޮޅުޖެހޭ ސިޔާސަތެއް ވެރީން ގެންގުޅުނު ދުވަހަކުން މެނުވީ ގައުމަށް ކުރިމަތިވެފައިވާ މިފަދަ ނާޒުކު މައްސަލަތަކައް ހައްލެއް ލިބިގެން ނުދާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.