މިހާރު ކުރިޔަށްދާ ރަޝިއާ ޔޫކުރެއިން ހަނގުރާމާގައި، ރަޝިއާއިން ހިފާފައިވާ ޑޮނެސްކް، ލުހާންސްކް، ޚާސަންގެ އިތުރުން ޒެޕޯރިޒިއާ އަކީ ރަޝިއާގެ ސަރަހައްދުތައްކަމަށް ރަސްމީކޮށް ނިންމައިފިއެވެ.
މި ސަރަހައްދުތަކަކީ ރަޝިއާގެ ސަރަހައްދުތަކުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވަނީ ރަޝިއާގެ ކްރެމްލިންގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާޓުގައި މި ސަރަހައްދުތަކަށް ރަޝިއާއިން އައްޔަންކުރި އިސްވެރިންނާއި ރަޝިއާގެ ރައީސް ޕުޓިން ވަނީ، މި 4 ސަރަހައްދަކީވެސް ރަޝިއާގެ ބައެއްގެ ގޮތުގައި ނިންމުމަށްޓަކާ ލިޔެކިޔުންތަކުގައި ސޮކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މި ސަރަހައްދުތަކަކީ ރަޝިއާގެ ސަރަހައްދުތައް އިއުލާން ކުރައްވަމުން ރަޝިއާގެ ރައީސް ވިދާޅުވީ، ރަޝިއާގެ ސަރަހައްދުތައް އެގައުމުން ހިމާޔަތް ކުރާނެ ކަމުގައެވެ. އަދި ޕުޓިންވަނީ ހުޅަގުގެ ގައުމުތަކުން ރަޝިއާ ބަލިކަށި ކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ.
މި ސަރަހައްދުތަކަކީ ރަޝިއާގެ ސަރަހައްދުތައް ކަމަށް ރަޝިއާއިން ކަނޑައަޅާފައިވަނީ، މި ސަރަހައްދުތަކުގެ ރައްޔިތުންގެ މެދުގައި ބޭއްވިގެން ދިޔަކަމަށް ރަޝިއާއިން ބުނާ "ފެންނަ ނުފެންނަ" ވޯޓަކަށް ފަހުއެވެ. ރަޝިއާއިން ބުނެފައިވަނީ މި ސަރަހައްދުތަކުގެ އާންމު ރައްޔިތުން ރަޝިއާއާއި ގުޅެން ބޭނުންތޯ ބެލުމުގެ ނަމުގައި، ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން އެ ސަރަހައްދުތައް އެގައުމާއި ގުޅުމަށް ބޮޑު އައުލަބިއްޔަތެއް ވޯޓު ދީފައިވާކަމުގައެވެ.
ޔޫކުރެއިން ސަރުކާރުގެ އިތުރުން ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުންވެސް، ރަޝިއާއިން ލަދުވެތިވާން ޖެހޭނޭ ކަމެއްގެ ގޮތުގައި ސިފަ ކުރަމުން އައި މި ވޯޓު، ރަޝިއާއަށް ތާއީދުކރާ ފަރާތްތަކުން ބާއްވާފައިވަނީ ބައިނަލްއަގުވާމީ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތި، އަދި މިނިވަން އެއްވެސް ފަރާތަކުން މޮނިޓަރ ކުރުމަކާވެސް ނުލައެވެ.
ޔޫކުރެއިންގެ ސަރަހައްދުތައް ރަޝިއާއި ގުޅުވާލުމަށް އަމާޒުކޮށް ބޭއްވިގެންދިޔަ "ގާނޫނާ ޚިލާފް" މި ވޯޓަށްފަހު ރަޝިއާއާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނޭކަމުގެ އިންޒާރު އީޔޫއިން ވަނީ ދީފައެވެ. އަދި ޔޫކުރެއިންގެ ރައީސް ޒެލެންސްކީވަނީ އެގައުމުގެ ހުރިހާ ސަރަހައްދެއްވެސް ހިމާޔަތް ކުރުމަށް ހަގުރާމަ ކުރަމުންދާނޭކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާއިންވަނީ 2014ވަނަ އަހަރުން ފެށިގެން ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަކީ އެގައުމުގެ ބައެއްކަމަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ބައިނަލްއަގުވާމީ މުޖުތަމަޢުން މިސަރަހައްދަކީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ