ދަރިއަކު ހޯދުމަށް އަދި މާއަވަސް ކަމަށާއި ބޭނުން ވަނީ ކެރިއަރަށް ފޯކަސް ކުރަން ކަމަށް ބޮލީވުޑްގައި އަރަމުން އަންނަ ތަރި މޯނީ ރޯއި ބުނެފިއެވެ.
އެންމެ ފަހުން މޯނީ ފެނިގެންދިޔައީ ގިނަ ރެކޯޑަތަކެއް މުގުރާލި ކާމިޔާބު ފިލްމް "ބްރައްމަސްތުރާ" އިންނެވެ. އޭނާ އެ ފިލްމްގައި ކުޅެފައިވާ ރޯލަށް ބެލުންތެރިންގެ ތައުރީފް ވަނީ އޮހިފައެވެ.
"ބްރައްމަސްތުރާ" ގެ ކާމިޔާބީ އާއި ބެހެގޮތުން އިނޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއް ގައި 37 އަހަރުގެ ބަތަލާ ބުނީ އޭނާގެ ފިލްމީ ކެރިއާ މިހާރު ދަނީ ރަނގަޅު މިސްރާބަށް ކަމަށެވެ. އޭނާގެ ފޯކަސް ހުރީ މަސައްކަތަށް ކަމަށް މޯނީ ބުންޏެވެ.
ޑްރާމާ ސިލްސިލާތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި މޯނީގެ ފުރަތަމަ ފިލްމް އަކީ 2011 ވަނަ އަހަރުގެ ޕަންޖާބީ ފިލްމްއެއް ކަމުގައިވާ "ހީރޯ ހިޓްލަރު އިން ލަވް" އެވެ. އޭގެ ފަހުން މަޑުމަޑުން ބޮލީވުޑްގައި އޭނާ އަންނީ ފައިތިލަ ސާބިތު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މޯނީ އޭނާގެ އެކްޓިން ކެރިއަރު ފެށީ 2006 ވަނަ އަހަރު ގެނެސްދިން ސިލްސިލާ ޑްރާމާ "ކިޔުންކީ ސާސްބީ ކަބީ ބަހޫ ތީ" އިންނެވެ. އޭނާ ވަނީ "ދޭވޯންކީ ދެވް" އާއި "ޖުނޫން" އަދި "ނާގިން" ފަދަ މަގުބޫލް ޑްރާމާ ތަކުން ބެލުންތރިންގެ މަގުބޫލުކަން ހޯދާފައިއެވެ.
ފިލްމާއި ޑްރާމާގެ އިތުރުން މޯނީ ވަނީ ބައެއް ރިއަލިޓީ ޝޯ ތަކުގައި ވެސް ބައިވެރިވެފައެވެ. އަދި ހަމަ އެހެންމެ ބައެށް ވީޑިއޯ ލަވަތަކުން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.
މިއަހަރު ޖެނުއަރީ މަހުގެ 27 ވަަނަ ދުވަހު މޯނީ ވަނީ އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކޮށްފައެވެ. މޯނީ އާއި ދުބާއީ ގައި ދިރިއުޅޭ ވިޔަފާރީ ވެރިއެއް ކަމުގައިވާ ސޫރަޖް ނަމްބިޔާގެ ކައިވެނި އޮތީ އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ގޯއާގައެވެ.
ކޮމެންޓު ފޮނުވާ