2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ރިލީޒް ކުރި ފިލްމު "ޕުޝްޕާ" އަކީ މި އަހަރު ފެށުން އިރުވެސް އެންމެ ކާމިޔާބު އެއް ފިލްމެވެ.
މި ފިލްމްގެ ކާމިޔާބީ އާއި އެކުގައި ފިލްމުގެ ދެވަނަ ބައެއް ހަދާނެ ކަމުގެ އިޝާރާތެއް ފިލްމްގެ ޓީމުން ވެސް ދިނެއެވެ. އަދި ހަމަ އެއާއެކު ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ވެސް ފަށައިގަތެވެ. ފިލްމަށް ވާންޖެހޭ ހުރިހާ ތައްޔާރި ތަކެއްވެ، ފިލްމުގެ ޝޫޓިންގ މި ފެށޭ އޮކްޓޫބަރު މަހު ފަށާނެ ކަަމަށް ޚަބަރުތައް ބުނެއެވެ.
"ޕުޝްޕާ2″ ގެ މަސައްކަތްކަށް ނުފެށި އުޅެނިކޮށް ފިލްމުގެ ތިންވަނަ ބައެއްވެސް އުފައްދާނެ ކަމުގެ އަޑު ވަނީ ގަދަވެއެވެ. އަދި އެކަމުގެ ތައްޔާރީތަށްވެސް ވަމުން އަންނަ ކަމަށް ޚަބަރުތަށް ބުނެއެވެ.
ސައުތުގެ މި ފިލްމުގެ ލީޑުން ފެނިގެން ގޮސްފައިވަނީ އައްލޫ އަރުޖުން އާއި ރަޝްމީކާ މަންދަނާއެވެ. މި ފިލްމަކީ ސުކުމާރު ލިޔެ، ޑައިރެކްޓްކުރި އެކްޝަން ޑްރާމާއެކެވެ.
ބޮކްސް އޮފީހުގައި މި ފިލްމަށް ބޮޑު ކާމިޔާބެއް ލިބުނު އިރު ބެލުންތެރިނަށް ފިލްމު ވަރަށް ބޮޑަށް ކަމުދިޔައެވެ. ގިނަ ބަސްތަކުން ރިލީޒްކުރި މި ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ކުރާނެކަމަށް ފިލްމު ހިޓުވުމާއެކު ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.
ޚަބަރުތައް ބުނާގޮތުގައި މި އަހަރުގެ ކުރީކޮޅު ޝޫޓިންގ ފަށަން ޕްލޭންކުރި ފިލްމުގެ މަސައްކަތް ފަސްކުރީ ސްކްރިޕްޓަށް މުހިންމު ބަދަލުތަކެއް ގެނައުމުގެ ގޮތުންނެވެ. އެހެންވެ އިތުރަށް ފިލްމު ރަނގަޅުކޮށް "ޕުޝްޕާ"ގެ ދެވަނަ ބައިގެ ޝޫޓިން "ޕުޝްޕާ: ދަ ރޫލް"ގެ ނަމުގައި އޮކްޓޫބަރު ކުރީކޮޅު ފެށުމަށް ވަނީ ނިންމާފައެވެ.
މި ފިލްމުން ވެސް ކުރީގެ ފިލްމުގެ ލީޑުން ފެނުނު ތަރިން ފެންނާނެ ކަމަށާއި އަދި ފިލްމު އިތުރަށް ވަރުގަދަ ކުރުމަށް އާ ތަރިން ހިމަނާފައި ވާކަަމަށް ޚަބަރުތައް ބުނެއެވެ.