މިއަދު ދިވެހިން ފާހަގަ ކުރަމުންދާ ޤައުމީ ދުވަހު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަ ކަމުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ރައީސް ޔާމީން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޤައުމީ ދުވަސް ފާހަގަ ކުރަމުންދަނީ ހިތްދަތި ކަމާއިއެކު ދިވެހިން ދެކެމުންދާ ދުވަސްތަކެއްގައި ކަމަށެވެ. މިއަދަކީ ބޮޑު ތަކުރުފާނުގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރާ ދުވަހަށް ވީނަމަވެސް ދިވެހިންގެ ލޮލުން މިއަދު ފާއްދާލަނީ ހިތްދަތި ފުން އަސަރުގެ ކަރުނަމަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެެވެ.
ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއްގެ ހިތްދަތި ކަމާއެކުވެސް ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންގެ އަރިހަށް ފޮނުވަމެވެ. ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނައެވެ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ބަނަވެނާމާންވަމުންދާދުވަސްތަކެއްގެހިތްދަތިކަމާއެކުވެސް ޤައުމީދުވަހުގެހެޔޮއެދުންތައްލޮބުވެތިރައްޔިތުންގެއަރިހަށްފޮނުވަމެވެ.ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ.ނަމަވެސް މިއަދުލޮލުން ފާއްދާލަނީފުންއަސަރުގެކަރުނައެވެ😢
— Abdulla Yameen (@prz_ymn) September 27, 2022
ޤައުމީ ދުވަސް ނިސްބަތްވެ ވަޑައިގަންނަވަނީ، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ އެއްވަނަ ދުވަސް ފަހަގަކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން އުތީމު މުޙައްމަދުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. އަދި ޤައުމީ ބަޠަލުން އިސްލާމް ދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ޖިހާދުކުރެއްވި މުޖާހިދުންގެ ހަދާން އާކޮށް، އެފަދަ މުޖާހިދުން ހުރިހާ ޖީލެއްގައިވެސް ތިބުމަށް ހިއްވަރުދިނުމާއި ހިއްވަރު ލިބިގަތުމެވެ.
16 ވަނަ ޤަރުނުގައި ”ކަނޑުގެ ބާޒު“ ގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށްޓަކައި އޭރު ވެރިކަމުގައި ހުންނެވި އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔަކަ ކައްތިރި މަހާރަދުން އަވަހާރަކޮށްލުމަށްފަހު ޕޯޗުގީޒުންގެ އަތްދަށަށް ދިވެހިރާއްޖެ ގެންދިޔަ މައިގަނޑު ސަބަބަކީ ހިލާލީ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނު، ރަސްކަމުގެ ކޮއިލުތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ރާއްޖެ ދޫކޮށް އިންޑިޔާގެ ގޯވާއަށް ގޮސް, ނަޞާރާދީނަށް ވަދެ، ދިވެހިރާއްޖޭގެ ވެރިކަން އަލުން ހޯދުމަށްޓަކައި ޕޯޗުގީޒުންގެ އެހީއަށް އެދުމެވެ.
ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ސިފަކުރައްވަނީ ”ދިވެހި ކަނޑުތައް ދިވަހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ“ ދުވަސްވަރެއްގެ ގޮތުގައެވެ. މިޙާދިސާއިން ދިވެހިދަރިން މިއަދު ޢިބުރަތް ޙާސިލުކުރަން ޖެހިފައިވެއެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނުގެ ތިން ދަރިކަލުންގެ ހިތްވަރެވެ.
މުޙައްމަދު ތަކުރުފާނާއި, ހަސަން ތަކުރުފާނާއި, ޢަލީ ތަކުރުފާނު ދެހާޖީންނާއި ދަންޑަހެލާއެކު ”ކަޅުއޮށްފުންމި“ ކިޔާ އަނގަމަތީ މަސްއޮޑިއެއްގައި ކުރެއްވި ހިތްވަރުގަދަ ޖިހާދެވެ. މިޖިހާދުގައި މުޙައްމަދު ތަކުރުފާނަށް އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވެވަޑައިގެންނެވިއެވެ.ހިތްވަރުގަދަ ޖިހާދަކަށްފަހު ޕޯޗުގީޒުންގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވަމުންދިޔަ މަންދޫބު، އަނދިރި އަނދިރީންގެ ގަޔަށް މުޙައްމަދު ތަކުރުފާނު ބަޑިޖައްސަވައި، 1 ރަބީޢުލްޢައްވަލު 981 ވަނަ އަހަރު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކުރެއްވިއެވެ. މިއީވެސް ދިވެހިން ޢިބުރަތުގެ ނަޒަރަކުން ބަލައި ވިސްނަންޖެހޭފަދަ ޙާދިސާއެކެވެ.
ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރެވޭއިރު އަބަދުވެސް އުތީމުގެ މަތިން ހަދާންތައް އާކޮށްދެއެވެ. އެރަށަކީ ޕޯޗުގީޒުންނާ ދެކޮޅަށް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަރުގަދަ ޖިހާދެއްކުރެއްވި މަޝްހޫރު އުތީމު ތިންބެއިން އުފަން ފަސްގަނޑެވެ. އެރަށުގައި އެބޭފުޅުން ދިރިއުޅުއްވި ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ހަމަ އެގޮތުގައި ފެންނަން އެބަހުއްޓެވެ. ދިވެއްސަކަށް ވީތީ މިކަމާމެދު ފަޚުރުވެރިވެ, ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި, ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްތިބި ބަޔަކަށް ވާންޖެހެއެވެ. ޤައުމުގެ ޙާލުގެ ދުލުން ގޮވާލެވޭ ހިނދު ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނާހައި, ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާނެ ބަޔަކަށްވާން ޢަޒުމުކަނޑައަޅަން ޖެހެއެވެ.