ޖަޒީރާ ދިރިއުޅުމަށް ފެށި މަސައްކަތް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން: ރައީސް

ޖަޒީރާ ދިރިއުޅުމަށް ފެށި މަސައްކަތް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން: ރައީސް

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2022 11:53
0

ރާއްޖޭގެ ތަރައްޤީއަށް ކޮށާ އަލިކުރުމަށް ފަށާފައިވާ މަސައްކަތްތައް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޤައުމިއްޔަތެއް ބިނާކުރުމުގައި ހަމަހަމަ ކަމާއި އަދުލުވެރިކަމާއިއެކު ޚިދުމަތް ކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާ އެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. ކުޑައެއް ބޮޑެއްނެތި، ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ، ފަސޭހަ، ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ އިހު އޮތް ދިވެހި ޤައުމިއްޔަތު އަލުން އަނބުރާ ދިރުވުންކަމަށް ރައީސް ވިދާޅުވިއެވެ. ހަމަހަމަ ކަމާއިއެކު ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށް ދިނުމުގައި ފަށާފައިވާ މަސައްކަތް ހުއްޓާލުމަކީ ސަރުކާރަށް އޮތް އިހުތިޔާރެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ޞިއްޙަތާ، ތަޢުލީމާ، އާމްދަނީއަށް ވާޞިލުވެވޭނެ، އަވަސް އަދި ފަސޭހަ މަގުތަށް ކޮށާ އަލިކުރުމަށް ފަށާފައިވާ މިމަސައްކަތް، ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން. މިކަމުގާ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ލެއްވުން އަޅުގަނޑު ބޭނުން.

– ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު ފެންނަ އިޖްތިމާޢީ ބޮޑެތި ހުރިހާ މައްސަލަ ތަކެއްގެ ފެށުން ގުޅެނީ ޤައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުންކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ދވެހި ކަނޑުތަކުގައި އުފުލާ މަސްތުވާތަކެއްޗާއި، ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސއްކަތް ކުރާ ގޭންގުތަކާއި، ވަގު ވިޔަފާރިއަށް މަގުފަހި ކުރުމަކީ ދިވެހި ޤައުމިއްޔަތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުިވިއެވެ. ހަމަމިއާއިއެކު ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށާއި، ލާމެހިފައިވާ ދުނިޔޭގައި އެހެން އިންސާނުންނާ އެކު މުޢާމަލާތު ކުރެވި، ސުލްޙަ މަސަލަސްކަމާއެކު އުފަލުގާ ދިރިއުޅުމަކީ ދިވެހިން އެދޭ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރިކަމާ، އެދީނުގެ ޞައްޙަ ޢަގީދާ އަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު. ޙަލާލު މަސައްކަތް ކޮށް، ކަނޑުފަޅު ފީނާ، ފަރު ހިލާ، ވަލު ފުރާގުން ދަރިން ބޮޑެތިކުރީ، ދިވެހި ކާބަފައިން. އެއީ ޢުމުރަށް ނަމާދު ޤާއިމްކޮށް، ރޯދަހިފާ، ޒަކާތްދީ، ޙަރާމަށް ބިރުވެތިވެ، ޙަލާލަށް ރައްކާތެރިވި ދިވެހިން.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިރިއުޅޭ އިންސާނުން ނެތި ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަހައްދަކީ އަދި ޤައުމެއް ނޫންކަމަށެވެ. ޤައުމާއި ވަތަން ހިމާޔަތްކޮށް ދިވެހިންގެ ސާދާ ދިރިއުޅުން ހާސިލް ކުރެވޭނީ މާޒީން އިބުރަތް ހާސިލްކޮށް، ޖަޒީރާ ވަންތަ ރާއްޖެއެއް ބިނާކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.