އެތަށް ދުވަހަކު ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ތަނުޝްރީ ވަނީ އިންޑަސްޓްރީގައި އުޅޭ ނުފޫޒު ގަދަ ބައެއް މީހުންގެ ބޮލުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތު އަޅުވާފައެވެ.
އަދި ހަމަ އެއާއެކުގައި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާ ސޯޝަލް މީޑިއާގައި "މީޓޫ މޫވްމަންޓް"ގެ ނަމުގައި ކެމްޕެއިނެއް ވެސް ފެށިއެވެ. އެއާއެކު ބޮލީވުޑްގައި ޖިންސީ ފުރަށްސާރައިގެ ޝިކާރައަކަށް ވީ މީހުން އެވާހަކަތައް ދެއްކި ވެސް މެއެވެ. މިކަންތައްތައް އާންމު ކުރުމާއެކު ބިރުވެރި ކަންތައް ތަކެއް ކުރިމަތިވި ކަން ތަނުޝްރީ މި ކިޔައިދިނީ އޭގެ އަހަރު ތަކެއް ފަހުންނެވެ. މިވާހަކަ ތަކާއި އެކުގައި "ބޮލީވުޑް މާފިޔާ" އިން އުނދަގޫކުރާ ކަމަށް ތަނުޝްރީ އޭރު ވަނީ ބުނެފައެވެ.
އަދި ތަނުޝްރީ ތުހުމަތު ކުރާ ގޮތުގައި "ބޮލީވުޑް މާފިއާ" އޭނާ މަރައިލަން އުޅުނެވެ. އެވާހަކަތައް ތިލަ ކުރުމުން އޭނާގެ ކާރަށް ގެއްލުންދީފައިވާ ކަމަށާއި، އޭނާއަށް ޒަހަރުދީގެން މަރާލަން އުޅުނު ކަމަށްވެސް ތަނުޝްރީ ވަނީ ބުނެފައެވެ. ތަނުޝްރީ ފަހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާއަށް އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، އެއީ ނާނާ ޕަޓޭކަރާއި ބޮލީވުޑް މާފިއާ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް ބުނެފައެވެ.
ތަނުޝްރީ ޒޫމް ޓީވީއަށް މީގެ 3 އަހަރު ކުރިން ދިން އިންޓަވިއުއެއްގައި ބުނީ 2009 ވަނަ އަހަރު ދެއްކި ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ލަވައެއްގެ ޝޫޓިން ތެރޭގައި ނާނާ ޕަޓޭކަރް އޭނާގެ ގަޔަށް އަތްލައި، ލަވައިގައި ނުހިމެނޭ ގައިގޯޅި ސްޓެޕްތަކެއް ޖައްސަން މަސައްކަތް ކުރި ކަމަށެވެ.
އުމުރުން އެންމެ 20 އަހަރުގައި މިސް ޔުނިވާސް އިންޑިއާގެ ތާޖް 2004 ގައި ހާސިލު ކުރި ތަނުޝްރީއަކީ ބޮލީވުޑްގެ ފިލްމުތަކުން މިހާރު ފެންނަ ޒުވާން ބަތަލާ އިޝިތާ ދައްތާ، 28، ގެ ދައްތަ އެވެ. އޭނާ ބޮލީވުޑަށް ނުކުތީ 2005 ވަނަ އަހަރު އިމްރާން ހާޝިމީ އާއި އެކުގައި "އާޝިގް ބަނާޔާ އާޕްނޭ"އިންނެވެ.
ކޮމެންޓު ފޮނުވާ