ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ބޮލީވުޑަށް ތައާރަފްވާ ފިލްމު "ގަލާ" ގެ ޓީޒާ ދައްކާލައިފިއެވެ.
ކެންސަރު ބަލީގައި 2020 ވަނަ އަހަރު އިރްފާން މަރުވެފައިވާއިރު، އޭނާގެ ދަރިފުޅުގެ ފުރަތަމަ ފިލްމުގެ ޓީޒާއާއެކު ގިނަ ބަޔަކު އަންނަނީ ބާބިލްއާއެކު އޭނާގެ ބައްޕަގެ ހަނދާންތައް އާވާ ކަމަށް ބުނަމުންނެވެ.
މި ފިލްމަކީ ބަތަލާ އަނުޝްކާ ޝަރުމާގެ އާއިލީ ފިލްމު ކުންފުނި، ކްލީން ސްލޭޓް ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ. ބައްޕަ މަރުވުމާއި ގުޅިގެން އޭނާ ގަސްތު ކުރީ ބޮލީވުޑަށް ނުކުންނާށެވެ.
އިރްފާން ޚާނަކީ ތަފާތު މޮޅު އެކްޓިންގްއެއް ފިލްމުތަކުގައި ދައްކުވައިދިން ވަރަށް ހުނަރުވެރި އެކްޓަރެކެވެ. ބައްޕަ ފަދަ ކުޅަދާނަ އެކްޓަރަކަށް ބާބިލް ވެދާނެތޯ އެއީ ބެލުންތެރިން މިހާރު އުފައްދަމުން އަންނަ އެންމެ ބޮޑު އެއް ސުވާލެވެ.
މީގެ ކުރިން ފިލްމްގެ ފުރަތަމަ ލުކް ވަނީ ދައްކާލައިފައެވެ. މިނިޓެއްހާ އިރުގެ ކުރު މި ވީޑިއޯ ކޮޅުގައި ބާބިލް ނުފެނެއެވެ. މި ވީޑިއޯކޮޅު ހާއްސަވެފައި އޮތީ "ގަލާ"ގެ ބަތަލާ ތުރިޕްތީ ދިމްރީއަށެވެ.
އަންވިތާ ދަތު ގުޕްތަން ޑައިރެކްޓްކުރާ "ގާލާ" އަކީ 1930-1940 ގެ އަހަރުތަކުގައި ޕްލޭބެކް ސިންގާއެއްގެ ގޮތުގައި އުޅޭ ޒުވާނަކަށް ކުރިން ދިމާވެފައިވާ ހިތްދަތި ކަންތައްތަކަކާ އެކު އޭނާ ކާމިޔާބަށް ވާސިލުވާން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ޑައިރެކްޓަރު އަންވިތާ ދަތުގެ "ގަލާ" އިން ބާބިލް ބޮލީވުޑަށް ތައާރަފްވާއިރު އޭނާގެ އަތުގައި އިތުރު ޕްރޮޖެކްޓެއްވެސް އެބައޮތެވެ. އެއީ ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އިއުލާންކޮށްފައިވާ އެ ސްޓޫޑިއޯގެ ފުރަތަމަ ވެބް ސީރީޒް "ދަ ރެއިލްވޭމޭން" އެވެ.
ބާބިލްގެ އިތުރުން މި ފިލްމުގައި ލައިލާ މަޖްނޫ ކަހަލަ ފިލްމުތަކުގައި ފެނިފައިވާ ތުރިޕްތީ ދިމްރީ އާއި ސްވަސްތިކާ މުކަރުޖީ އަދި އަމިތު ސިއާލް ވެސް ފެންނާނެ އެވެ.
ކޮމެންޓު ފޮނުވާ