މަޖިލީހުން ކޮންޓެންޓް ރެގިއުލޭޓް ކުރުން! މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް!

މަޖިލީހުން ކޮންޓެންޓް ރެގިއުލޭޓް ކުރުން! މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް!

2008 ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ އާ ގާނޫނު އަސާސީއަކީ ބާރުތައް ވަކިކޮށް، ތިންބާރުގެ މައްޗަށް މުޅި ދައުލަތް ބަހާލެވި، ފާރަވެރިވެނިވި ވެރިކަމުގެ ނިޒާމެއް ދިވެހި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިން ފުރަތަމަ ގާނޫނު އަސާސީއެވެ.

މާނައަކީ، ފެހި ގާނޫނު އަސާސީން ގެނެސްދިން އެންމެ ބޮޑު އެއް ބަދަލަކަށް ވެގެންދިޔައީ، އެތައް ޒަމާނެއް ވަންދެން ދައުލަތުގެ ތެރޭގައި މަރުކަޒު ކުރެވިފައި އޮތް ބާރުތައް ލާމަރުކަޒުކޮށް، އެއްބާރުން އަނެއްބާރަށް ފާރަވެރި ވެވޭނޭ ބީދައަކުން ބާރުތަކުގެ އިންތަކާއި މިންތައް ވަކި ކޮށްދިނުމެވެ. މުޅި ދައުލަތުގެ އެންމެހާ ބާރުތަކެއް އެކެއްގެ މުށުތެރޭގައި ނުވަތަ އެއް މުވައްސަސާއަކަށް ޖަމާވެފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ދިނުމެވެ.

އެއީ، އެކެއްގެ މުށުތެރެއަށް، ނުވަތަ އެއް މުވައްސަސާއަކަށް ހުރިހާ ބާރެއް ޖަމާވުމުން، ނުވަތަ އާދަޔާ ޚިލާފަށް ބޮޑަށް ބާރުގެ ތިލަފަތް ވަކިއަތަކަށް ބުރަވެއްޖެނަމަ، އާންމު ތަބައީ އުސޫލުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޚުދުމުޚްތާރުކަން އައިސް، އޭގެ ގެއްލުމާއި ހަލާކު އެންމެފަހުން ގައުމަށް ކުރިމަތިވެގެން ދާނެތީވެސްމެއެވެ.

މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި މިވަގު އޮތް، ބާރުތައް ވަކިވެފައި އޮތް ރިޔާސީ ނިޒާމުގައި ދައުލަތް ހިންގަމުންދަނީ 3 ބާރެއްގެ މައްޗަށް މުޅި ވެރިކަމުގެ ނިޒާމު ބައްޓަން ކޮށްގެނެވެ. އެއީ ވެރިކަން ކުރާ ބާރު، ރައީސުލްޖުމްހޫރިއްޔާއާއި، ގާނޫނުހަދާ ބާރު، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޝަރީއަތް ކުރުމުގެ ބާރު ކަމުގައިވާ ޝަރުއީ ދާއިރާގެ މައްޗަށެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ އާ ގާނޫނު އަސާސީ ޖަވާބުދާރީ ކުރުވެނިވި ވެރިކަމުގެ ނިޒާމެއް ގެނެސް ދީފައިވާ ގާނޫނު އަސާސީއެއް

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން، މިއިން އެއްވެސް ބާރަކަށް، "ސުޕަރ ޕަވަރ" އެއްފަދައިން މަސައްކަތް ކުރުމުގެ ބާރު ލިބިދީފައިވާ ނުވާއިރު، ގާނޫނު އަސާސީގެ ވަކި ބާބަކުން މިއިން ކޮންމެ ބާރެއްގެވެސް އިންތަކާއި މިންތައް އެކަށައެޅުމުގެ އިތުރުން، ހެދިފައި ހުރި ގާނޫނުތަކުންވެސް މިއިން ކޮންމެ ބާރަކަށްވެސް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވަރަށްވެސް ފުރިހަމަޔަށް ބަޔާން ކޮށްދީފައި ވެއެވެ.

ގާނޫނު އަސަސީގެ 3 ވަނަ ބާބުގެ ގޮތުގައި އެކަށައެޅިފައި އޮތް ރައްޔިތުންގެ މަޖިލިހުގެ ބާބުގެ 70 ވަނަ މާއްދާގައި ބަޔާން ކުރަނީ ގާނޫނުތައް ހެދުމުގެ އެންމެހާ ބާރުތަކެއް ލިބިގެންވަނީ އެ މަޖިލީހަށް ކަމަށެވެ. އަދި އޭގެ އިތުރުން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތުވެސް މި މަޖިލީހުގެ މައްޗަަށް ގާނޫނު އަސާސީން މަތިކޮށްފައިވާކަން މިމާއްދާއިން އެގެން އެބައޮތެވެ.

އެހެންނަމަވެސް، ގާނޫނު ހެދުމުގެ އިތުރުން، މިމާއްދާއިން މަޖިލީހާއި މަތިކޮށްފައިވާ މިމަސްއޫލިއްޔަތުގެ އިތުރަށް، މުޅި ދައުލަތާއި، އޮފީސްތަކާއި، އަދި އެނޫނަސް ދައުލަތުގެ ތެރޭގައި ނުހިމެނޭ، ނޫސްވެރިކަމާއި ނޫސްވެރިންގެ މައްޗަށްވެސް ބަސްއިއްވާ، ބޭނުންހާ ވަގުތަކު މަޖިލީހަށް ހާޒިރު ކުރުމާއި، މިފަރާތްތަކުން ކުރާންވީ ކަންކަމާއި ނުކުރާންވީ ކަންކަން ކަޑައަޅާ، މުޅި ގައުމުގެ ބަލަދުވެރިއެއްގެ ބީދައިން މަސައްކަތް ކުރުމަކީ އެމަޖިލީހުން އަދާ ކުރާންޖެހޭ ޒިންމާއެއް ނޫންކަން މިއީ ވަރަށްވެސް ސާފުކޮށް އެގެން އޮތް ހަގީގަތެކެވެ.

 

ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުންތައް ނެގުމަށް މަޖިލީހުން އެންގުން!

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ސިއްރުކޮށްފައިވަނިކޮށް، މަޖިލީހަށް ހެދުނު ގޯހަކުން ކޮމެޓީ ލައިވްކުުރުމުން، ނޫސްތަކުން ޚަބަރު ހެދި މައްސަލާގައި، ޚަބަރުތައް ނޫސްތަކުން ނަގަން މަޖިލިހުގެ އިދާރާއިން ނެރުނު ބަޔާނަކުން ފާއިތުވި ހަފްތާގައި ވަނީ އަންގާފައެވެ.

މަޖިލީހުގެ އިދާރާއިން ފާއިތުވެދިޔަ ހަފްތާގެ އަންގާރަދުވަހު ނެރުނު ބަޔާނެއްގައިވަނީ، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ސިއްރުކޮށްފައިވަނިކޮށް، އެކޮމިޓީގެ އަޑު ޔޫޓިއުބު ޗެނަލްގައި ލައިވްކުރެވުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ. ހޯމް މިނިސްޓަރ ޢިމްރާން ޙާޒިރުކުރި އެކޮމިޓީ ވަގުތުކޮޅަކަށް ލައިވްކުރުމުން ބައެއް މީޑިއާތަކުން ވަނީ ޚަބަރު ޝާއިއުކޮށްފައެވެ.

ގާތް ގަނޑަކަށް 50 މިނުޓްވަންދެން މަޖިލީހުގެ އިދާރާއަށް ނޭގި ކޮމެޓީ ލައިވް ކުރެވެމުން ދިޔައިރު، ނޫސްތަކުން މިޚަބަރުތައް ކަވަރު ކުރުމަކީ މައްސަލައެއްކަމަށް މަޖިލީހުގެ އިދާރާއިން ދެކެއެވެ. ނަމަވެސް ނޫސްތަކުގައި ލިޔެފައިވާ އެއްވެސް ޚަބަރެއް މަޖިލީހުން އެންގި އެންގުމާއި އެއްގޮތަށް ނަގާފައި ނުވެއެވެ.

މިހާތަނުން އުފެދޭ ސުވާލަކީ، ރައްޔިތުންގެ މަޖިލިހުން ސިއްރުކުރާންޖެހޭ ކޮމިޓީއެއްގައި ދެެއްކި ވާހަކަތައް އެ މަޖިލީހުގެ ޔޫޓިއުބު ޗެނަލްއިން، އޮޅުމަކުން ނަމަވެސް އަމިއްލައަށް ލައިވް ކުރުމަށްފަހު، އެ ލައިވް ކުރިމައުލޫމާތެއް ރިޕޯޓު ކުރުމުން ނޫސް ވެރިޔާ ކުށްވެރިވާ ގާނޫނެއް ނުވަތަ ގަވާއިދެއްނަމަވެސް އެބައޮތްތޯއެވެ.

ނޫސްވެރިކަމަށް ލިބިދީފައިވާ މިނިވަންކަމާއި، ޒިންމާތައް ގާނޫނު އަސާސީންނާއި އަދި ނޫސްވެރިން ތަބާވާންޖެހޭ ގާނޫނުތަކުގައިވެސް ވަނީ އެކަށެޅި ބަޔާން ކުރެވިފައެވެ. މިގޮތުން ހެދިފައިހުރި ގާނޫނުތަކާއި، އެގާނޫނުތަކުގެ ދަށުން ހެދިފައިހުރި ގަވާއިތަކުގައިވެސް ވަނީ، ނޫސްތަކުގައި ލިޔާ ކޮންޓެންޓަށް ނޫސްވެރިންނާއި ނޫސްތަކުން ޒިންމާ ވާންޖެހޭނޭ އުސޫލުތައް ބަޔާން ކުރެވިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާއިންވަނީ, ނޫސްތަކުގައި ލިޔާ ލިޔުންތައް ނަގަން އަންގަން ފަށާފަ

އެހެންނަމަވެސް، ނޫހުގައި ޝާއިއުކުރާ ލިޔުމެއް، ނުވަތަ ޚަބަރެއް ޝާއިއުކުރުމަށްފަހު އެލިޔުމެއް ނެގުމަށް އެންގުމުގެ ބާރު މިއިން އެއްވެސް ގާނޫނަކުން ނުވަތަ ގާނޫނު އަސާސީންވެސް ރައްޔިތުންގެ މަޖިލީހާއި މަތިކޮށް، ނުވަތަ އެމަޖިލީހަށް އެބާރު ލިބިދީފައި އޮތްކަމެއް އެގޭކަށް ނެތެވެ.

އޭގެ ބަދަލުގައި، ރައްޔިތުންގެ މަޖީލީހުން ގަބޫލު ނުކުރާ މިންގަޑެއްގައި ނޫސްތަކުން ރިޕޯޓު ކުރަމުން ދާނަމަ، އެމައްސަލަ މީޑިއާކަންސިލަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހަށް އޮތްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އެއީ ނޫސްތަކުގައި ލިޔާ ކޮންޓެންޓު ރެގިއުލޭޓް ކުރުމުގެ ބާރު ގާނޫނުތަކުން ލިބިދީފައިވާ މުވައްސަސާއަކީ މީޑިއާ ކައުންސިލްކަމަށް ވާތީއެވެ.

އެހެންކަމުން، ރައްޔިތުންގެ މަޖިލިހަކީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އެއްބާރު ކަމަށްވީ ނަމަވަވެސް، ނޫސްތަކާއި ނޫސްވެރިކަން ސީދާގޮތުން ރެގިއުލޭޓް ކުރުމުގެ ޒިންމާ އެމަޖިލީހަށް އަދާކުރުމުގެ ފުރުސަތު ނެތްކަމީ ރައްޔިތުންގެ މަޖިލީހުންވެސް ގަބޫކުކުރާންޖެހޭ ހަގީގަތެކެވެ. އަދި އެއުސޫލުން ބޭރުން، ނޫސްތަކުގައި ލިޔާ ލިޔުންތައް ނަގަން އަންގާ، މަޖިލީހުގެ އިހުމާލުން ހިނގާ ކަންކަމުގެ ޒިންމާ އަނެކުން ނަގަންޖެހި، ރައްޔިތުންގެ މަޖިލިހަކީ އެފަރާތް ޒިންމާދާރު ކުރެވޭނޭ އެހެން އެއްވެސް ބަޔަކު ނެތި ހިނގާ "ސުޕަރ ޕަވަރ"އެއްގެ ބީދައިން މަޖިލިސް މަސައްކަތް ކުރާން ފަށައިފިނަމަ ދެން ނިކުމެގެން ދާނޭ މައްސަލަތައް މާ ބޮޑުތަނުންވެސް ގިނަވެފައި އަދި އުދަގޫ ވެގެންދާނޭ ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

 

މަޖިލީހަށް ނޫސްވެރިކަން ރެގިއުލޭޓެއް ނުކުރެވޭނެ!

ދިވެހިރާއްޖޭގައި، މިނިވަން ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި އޮތީ މީޑިއާ ކައުންސިލަށާއި، ބްރޯޑްކާސްޓިންގ ކޮމިޝަނަށެވެ. ވަކީން ޚާއްސަކޮށް، އޮންލައިން ނޫސްތައް ޖަވާބުދާރީ ވާންޖެހެނީ މީޑިއާ ކައުންސިލަށެވެ.

ނޫސްވެރިން ޒިންމާދާރު ކުރުވުމާއި، ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ ނުސީދާ ޒިންމާ މަޖިލީހުން އަދާކުރާން ޖެހެނީ، މި މުވައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގެ އިތުރުން، މުވައްސަސާތައް މަޖިލީހަށް ހާޒިރު ކޮށްގެން، އެފަރާތްތަކާއި ސުވާލުކޮށް، އެ މަސްއޫލިއްޔަތު މަޖިލީހުން ޒިންމާދާރުކަމާއެކު އަދާ ކޮށްގެންނެވެ.

ނޫސްވެރިން ބުނަމުންދަނީ ނޫސްތަކުގައި ލިޔާ ލިޔުންތައް ނެގުމަށް އެންގުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާކަމަށް

އޭގެ ބަދަލުގައި ނޫސްތަކުގައި ހުންނަ ކޮންޓެންޓަށް މަޖިލީހުން ސީދާ ބަސް ބުނުމާއި، ގޮތް ކިޔުމާއި، ނޫސްތަކުގައި ލިޔެވޭނެ ލިޔުންތަކާއި، ނުލިޔެވޭނެ ލިޔުންތަކާއި، ރިޕޯޓު ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން މަޖިލިހުން ކަނޑައަޅާން ފަށައިފިނަމަ ދެން ނިކުމެގެންދާނޭ ނަތީޖާއަކީ، މަޖިލިސް ރައީސެއްގެ ގޮތުގައި ހުންނަވާ ފަރާތެއްގެ ގޮނޑިކޮއްކޮ ނޫސްތައް ފިޔަވާ އެހެން ނޫސްތައް ބަންދު ކުރާޖެހުމެވެ. މިނިވަން ނޫސްވެރިކަން މަރުވެގެން ދިއުމެވެ.

އެއުސޫލުން ނޫސްވެރިކަން އަދުގެ ދުނިޔޭގައި ކުރާން ޖެހިފައި އޮތީ، ޚުދުމުޚްތާރު ވެރިކަންތައް ހިނގަމުންދާ، ރަޝިއާ، އުތުރު ކޮރެއާ އަދި ޗައިނާ ފަދަ ގައުމުތަކުގައެވެ.

އެއީ 3 ބާރު ވަކިވެފައި އޮތް ޑިމޮކްރަޓިކް ނިޒާމެއް ހިގަމުންދާ ރާއްޖެ ފަދަ ގައުމެއްގައި، ނޫސްވެރިން ތަހައްމަލް ކުރާނޭ އުސޫލެއް ނުވަތަ މިންގަޑުތަކެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ މަޖިލިހުގެ ރައީސަށް ވިސްނިވަޑައި ނުގަތްކަމީ ހަގީގަތުގައިވެސް ހިތާމަ ކުރާންޖެހޭ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.