މިސަރުކާރުން މަސްވެރިން މަގުމަތިކޮށް ނިކަމެތިކޮށްފި: ޝިޔާމް

މިސަރުކާރުން މަސްވެރިން މަގުމަތިކޮށް ނިކަމެތިކޮށްފި: ޝިޔާމް

މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދުނު ތަނުގައި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށްވެސް ހައްލު ނުގެނެސްދެނި މަސްވެރިން ނިކަމެތި ކޮށްލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވެ، ގިނަ އަދަދަކަށް މަސް ބާނަމުންދާއިރު މަސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްކިރުވޭނެ ގޮތެއް މަސް ކަނޑަށް އުކާލަންޖެހުމެ ކަންބޮޑުވުމެވެ. މަސްވެރިންނަށް ސަރުކާރުން ވެފައިވަ ވައުދުތައް ނުފުއްދި މަސްވެރިންގެ ކަންބޮޑުވުންތައްވެސް މިދަނޑުވަޅުގައި ސޯޝަލް މީޑިއާގައި ދަނީ އިތުރުވަމުންނެވެ.

މަސްވެރިންގެ ހައްގުގައި އަބަދުވެސް ވަކަލާތު ކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ބާނާ މަސްކޮޅު ކިރާނުލެވި މަސްވެރިން މަގުމަތިވެފައިވާކަމަށެވެ. ބާނާ މަކޮޅު ކަނޑަށް އަޅާލަން ޖެހުމާއި، ނޫނީ ކައިރި ރަށްތަކަށް ހިލޭ ބަހާލަން ޖެހުމަކީ މިއަދު މަސްވެރިންނަށް އޮތް ގޮތްކަމަށެވެ. ބާނާ މަހަށް ހަމަ މަގު ނުލިބޭއިރު، ކިރާލެވޭ މަސްކޮޅަށްވެސް ފައިސާ ނުލިބޭކަމުގެ ޝަކުވާ އަކީ ބޮޑު ޝަކުވާއެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބާނާ މަސްކޮޅުގެ ބައިކުޅަބައިވެސް ކިރާނުލެވޭ. ކިރާލާ މަސްކޮޅަށް ފައިސާ ނުލިބޭ. އައިސްކޮޅު ނުލިބޭ. ތެޔޮކޮޅު އިންތިހާޔަށް އަގުބޮޑު. "ހަމައަގު" ގެ ވާހަކަ ދައްކާކަށް ނެތިން. ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު މިޖެހެނީ ބަހާލަން. މަސްވެރިސިނާއަތު ހަލާކުވެ މަސްވެރިން ނިކަމެތިކޮށްފި.

– ޝިޔާމް ވިދާޅުވިއެވެ.

މިދުވަސްވަރު ގިނަ އަދަދަކަށް މަސް ބާނަން ފެށުމާއެކު، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސް ގަންނަ އަގު ދަށްކޮށް، ދޯންޏަކުން ގަންނަ އަދަދު 12 ޓަނަށް ވަނީ ލިމިޓްކޮށްފައެވެ. އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯ އާއި މިއަދުގެ ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވާލި ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދެއް ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމައަގު ދިނުމަށް ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާއެވެ.

މަސްވެރިކަން ތިޔާގިވާން ފެށުމުން، ކަނޑުމަހެކޭ އެއްގޮތަށް ބޮޑު ކަންނެލީގެ އަގުވެސް ވަނީ ދަށަށް ވާން ފަށާފައެވެ. ކުންފުނިތަކުން ކަންނެލި ގަންނަ އަގުތައް ހިއްސާކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން ވަނީ، އަގުތައް ދުވަހެއް ދުވަހަކަށް ދަށަށް ދާތި އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބީކޭއެމްޔޫއިން ބުނީ، މަސްވެރި މޫސުން ފެށި، މަސްވެރިކަން ތިޔާގިވާން ފެށުމުން ކަންނެލީގެ އަގުތައް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށާއި މިއީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އަޅާނުލާކަމުގެ ސާފު ހެއްކެއް ކަމަށެވެ.

ކަންނެލީގެ އަގުތައް ހުރި ގޮތަށް ބަލާއިރު، 30 ކިލޯއިން މަތީގެ ކަންނެލި ގަންނަނީ، ކިލޯއެއް 85 ރުފިޔާގެ ރޭޓުންނެވެ. އަދި 30 ކިލޯއިން ދަށް ނަމަ، ކިލޯއެއް 65 ރުފިޔާގެ ރޭޓުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.