ބީއެމްއެލްގެ އަމާޒަކީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް ބިނާކުރުން: ޝަރީފް

ބީއެމްއެލްގެ އަމާޒަކީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް ބިނާކުރުން: ޝަރީފް

ގުޅުންހުރި

ބޭންކް އޮފް މޯލްޑިވްސްއިން ގައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ދޭ އެހީތެރިކަމުގެ ތެރެއިން މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް ބިނާކުރުމަކީ އެ ބޭންކުގެ މައިގަނޑު އަމާޒެއް ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް އިމާރާތުގެ މަސައްކަތް ޢަމަލީ ގޮތުން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ މަސައްކަތްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއި ވަނީ ގުޅިލާމެހިފައެވެ. މީގެ ހެއްކަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގާ މަޝްރޫޢުތަކުގައި ބީއެމްއެލްއިން ފޯރުކޮށްދޭ އެހީތެރިކަމެވެ.

"އެކައުންޓުން ފެށިގެން ފައިނޭންސިންގއާ ހަމައަށް ފުރިހަމަ އިސްލާމީ ބޭންކެއްގެ އުފެއްދުންތަކާއެކު ބީއެމްއެލްއިން މިދަނީ މުޅި ގައުމުގައި މާލީ ބާރުވެރިކަން އިތުރުކުރަމުން. ހުރިހާ އެންމެން ޝާމިލުވާ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކޮށް، މާލީ ބާރުވެރިކަން އިތުރުކުރުމަށް ބީއެމްއެލްއިން މިދަނީ މުހިންމު ދައުރެއް އަދާކުރަމުން. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމީ ތަރައްޤީއަށް ކަނޑައަޅުއްވާފައިވާ ވިސްނުންފުޅާއި ލީޑަރޝިޕް ބީއެމްއެލްގެ މިޝަންއާ ވަރަށް ބޮޑަށް ގުޅިލާމެހިފައި" ޝަރީފް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް އިމާރާތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޤްތިޞާދީގޮތުން ވަރުގަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ބޭންކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ބީއެމްއެލްއިން މިހާރުވެސް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއީ ހަމައެކަނި މާލީ އެހީއެއްކަމަށް ނުދެކެން. އެއީ ގައުމުގެ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓެއް. އެހެންކަމުން އެ ދަރިވަރުން ޚިދުމަތްކުރާނީ ދިވެހިރާއްޖެއަށް" ޝަރީފް ވިދާޅުވިއެވެ.

ޒުވާން ހުނަރުވެރިން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން މާލީ ދާއިރާއިން ކުރިއަރުވާނެ މަގު ދައްކާނޭ ޖީލެއްގެ ބޭންކަރުން، މާހިރުން، އަދި ލީޑަރުން އުފެއްދުމަށް ބީއެމްއެލްއިން އިސްކަންދޭކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މަތީ ތަޢުލީމް ހާސިލުކުރުމަށް ބީއެމްއެލްއިން ފޯރުކޮށްދޭ ސްކޮލަޝިޕްގެ ދަށުން މިހާރުވެސް އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތުގައި ދަރިވަރުން މަތީ ތަޢުލީމް ހާސިލްކުރަމުންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ