ޖޭއެސްސީ އިން ސަސްޕެންޑް ކުރި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ

ޖޭއެސްސީ އިން ސަސްޕެންޑް ކުރި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ

ގުޅުންހުރި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލައިގެ އަޑުއެހުންތައް މާދަމާއަށް ތާވަލްކޮށްފިއެވެ.

އަވަސް ނިއުސްއަށް ލިބުނު މަޢުލޫމާތުގެ ދަށުން، މާދަމާ ހެނދުނު 9:00 އަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހެނދުނު 10:00 އަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައިގެ އަޑުއެހުން ބޭއްވޭނެއެވެ.

މި ދެ ފަނޑިޔާރުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި މަސައްކަތަށް ނުފޫޒު ފޯރުވުމެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ މި މައްސަލައަށް ދެ ފަނޑިޔާރުންވެސް ވަނީ އިންކާރުކުރައްވާފައެވެ.

ޖޭއެސްސީގެ ގަވާއިދުގައިވާ ގޮތުން، ފަނޑިޔާރުންގެ މައްސަލަ ބެލުމަށްފަހު އެކުލަވާލާ ރިޕޯޓަށް ޖަވާބުދިނުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ލާޒިމުކުރެއެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު މައްސަލައިގައި ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވަންޖެހެއެވެ. ޖަވާބުދާރީވުމަށް ދިން މުއްދަތުގެ ތެރޭގައި ފަނޑިޔާރު މަހާޒްއާއި ފަނޑިޔާރު އަޒްމިރަލްދާ ވަނީ ޖަވާބުދާރީވެފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ދެ ފަނޑިޔާރުންގެ އިތުރުން ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ހުސްނުއްސުއޫދުގެ މައްސަލަވެސް ޖޭއެސްސީން ބަލަން ފަށާފައިވާކަމެވެ. އެހެންނަމަވެސް، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ