ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި މާލީ ގޮތުން ކައުންސިލްތަކަށް ބާރު ލިބިދިނުން ކަމުގައި ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރަށްވެހިންގެ ސައްލާ" ފޯރަމްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ "ރަށްވެހިންގެ ސައްލާ" ފޯރަމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މި ފޯރަމުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުމުގެ މުހިންމުކަން މި ސައްލާއިން ފާހަގަކުރެވޭ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި މާލީ ގޮތުން ކައުންސިލްތަކަށް ބާރު ލިބިދިނުން ކަމަށް މިނިސްޓަރ ޝަރީފު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ ކައުންސިލްތަކުން ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިއުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްވަރާ ބައްދަލުވުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން 3 ދުވަހަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ބައްދަލުވުމުގެ އިފްތިތާޙީ ޖަލްސާގައި ބްރިޓިޝް ހައިކޮމިޝަނަރ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޔޫއެންޑީޕީގެ ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސީއީއޯ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުން މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ދާނެއެވެ.