ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ, މުޅި ގައުމުގައިވަނީ ހަމަނުޖެހުން އާންމު ވެފަ

އަހަރުގެ ދެވަނަ ކުއާޓަރުގައި ސްރީ ލަންކާގެ އިގްތިސާދު 8.4 އިންސައްތަ ދަށަށް ހިގައްޖެ

އަހަރުގެ ދެވަނަ ކުއާޓަރުގައި ސްރީ ލަންކާގެ އިގްތިސާދު 8.4 އިންސައްތަ ދަށަށް ހިގައްޖެ

އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ސްރީ ލަންކާގެ އިގްތިސާދީ ދުވެލި ކުރީ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި 8.4 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް، އެގައުމުގެ ސްޓެޓިސްޓިކަލް ޑިޕާޓްމަންޓުން މިހަފްތާގެ ބުރާސްފަތި ދުވަހު އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވެދިޔަ އަަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، ސްރީ ލަންކާގެ އިގްތިސާދީ ދުވެލި ފަހަތަށް ގޮސްފައިވާކަމަށް ދައްކާފައި ވާއިރު އެގައުމު މިހާރު ދަނީ، 1948 ވަނަ އަަހަރު އެގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިލާން ޖެހިފައިވާ އިގްތިސާދީ އެންމެ ބޮޑު ކާރިސާ ތަޖުރިބާ ކުރަމުންނެވެ.

އަދި މި ކާރިސާއަށް ހައްލު ނުހޯދި، ހާލަތު ގޯހުން ގޯހަށް ދަތުރުކޮށް، ގައުމުގެ ބޭރު ފައިސާގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށްގޮސް، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކާ ފައިސާ ޗާޕުކުރަން މަޖުބޫރުވެ، ތަކެއްޗާއި އާންމު ޚިދުމަތުގެ އަގު އިންތިހާއަށް މަތިވެ، ގައުމަށް އެތެރެ ކުރަންޖެހޭ އަސާސީ ކާބޯތަކެއްޗާއި، ތެލާއި ބޭހަށް ފައިސާ ދެއްކޭނެ ގޮތެއްނެތި، ކުރު ގޮތަކަށް ދަންނަވަނީ ނަމަ، ބަގުރޫޓުވެފައި ވާކަމުގައި އިގްތިސާދީ މާހިރުންވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، 22 މިލިއަންގެ ބޮޑު އާބާދީއެއް އޮންނަ ސްރީ ލަންކާގެ އިގްތިސާދުވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ.

ސަރީ ލަންކާގެ ދައުލަތުގެ ސެންސަސް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނެފައިވަނީ، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަނޑުވެރިކަމުގެ ދާއިރާވަނީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.4 އިންސައްތައިން ދަށަށް ގޮސްފައެވެ. އަދި ސިނާއީ މަސައްކަތްތެރިކަމުގެ ދާއިރާ 10 އިންސައްތައިން، ޚިދުމަތުގެ ދާއިރާ 2.2 އިންސައްތައިން ދަށަށް ގޮސްފައި ވާކަމުގައިވެސް ސެންސަސް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ހާމަކޮށްފައި ވެއެވެ.

ސްރީ ލަންކާގެ ސެންޓްރަލް ބޭންކުން ލަފާ ކޮށްފައިވާ ގޮތުގައި އެގައުމުގެ އިގްތިސާދު 2022 ވަނަ އަހަރު 8 އިންސައްތަ ފަހަތަށް ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *