ހެއްކާބެހޭ ގާނޫނު އިސްލާހުކޮށް، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދޭނަން: ރައީސް

ހެއްކާބެހޭ ގާނޫނު އިސްލާހުކޮށް، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދޭނަން: ރައީސް

މިއަހަރުގެ ޖުލައިމަހު ތަޞްދީޤުކުރި ހެއްކާބެހޭ ޤާނޫނާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެ ޤާނޫނު އަލުން އިޞްލާހުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ " މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022″ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހުގެ އިތުރުން، އެމަނިކްފާނުގެ އަނބިކަބަލުން ފަޒުނާ އަހުމަދުވެސް ބައިވެރިވެ ވަޑައިގެންނެވި މި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ {ށ} އަށް ، ގެނެވުނު އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމާގުޅޭގޮތުން އެމަނިކުފާނު މީޑިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވާކަމުގައެވެ.

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022″ ގެ ނަމުގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ، މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މީޑިއާގެ ދާއިރާއަށް ބޮޑު ހުރަހެއްގެ ގޮތުގައި އޮތް އަބުރުގެ ގާނޫނު އުވާލީ މިސަރުކާރު ވެރިކަމަށް އައިސް ކަމަށާއި، ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކޮށްފައިވާ ހެެއްކާބެހޭ ގާނޫނުގައިވެސް ހުރި ނޫސްވެރިން ކަންބޮޑުވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ މައްސަލަވެސް ހައްލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

މިޖަލްސާގައި ރައީސް ސާލިހުވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ފެށިގެން އައިގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ބްރޯޑްކާސްޓިން ދާއިރާގެ އަގު ވަޒަންކުރުމަށް ބޭއްވި އެވޯޑް ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެމަނިކްފާނަކީވެސް ޒުވާން އުމުރުގައި ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، ޓީވީ ސްކްރީނުން ރީތި މަންޒަރެއް ގެނެސްދިނުމަށް އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުރަ މަސައްކަތްތަކެއް ކުރާކަން އެގިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރުން ކިތަންމެ ލަސްވެގެން ދިޔަނަމަވެސް މިއީ ދޭންޖެހޭ އެވާރޑެއްކަން ރައީސް ސާލިހުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިގެން އައީ ދެކުނު ގަޑުބަޑުގެ ޚަބަރު ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމަކަށް ކަމަށާއި، އެއަށްފަހު ބްރޯޑްކާސްޓިންގެ ދާއިރާގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކޮށްފައިވާ ކަމުގައެވެ.

ވަރަށް ގިނަ ތަކުލީފާއި ދައްޗާއެކު ސްކްރީނު ރީތިކުރުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތް އަޅުގަނޑަށް އެނގޭ. އަދި މިހާރު ރާއްޖޭގެ ވަރަށް ގިނަ ޕްރައިވެޓް ޓީވީ ޗެނަލްތަކުން ކުރަމުންދާ މަސައްކަތްތުގެ އަގު ވެސް އަޅުގަނޑު ވަޒަންކުރަން.

އެކި ޓީވީ ޗެނަލްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާނޭކަން ހާމަކުރައްވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

ރޭ ބޭއްވުނު "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022″ ހަފްލާގައިވަނީ އެދާއިރާއަށް ޚިދުމަތް ކުރަމުންދާ ގިނަ ފަރާތްތަކެއްގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެފަރާތްތަކާއި އެވާރޑްތައް ހަވާލު ކޮށްފައެވެ. ރޭގެ ޙަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރު-ބުލޫ އިބްރާހީމް މަނިކް އަދި އަލް މަރްޙޫމާ ޒާހިދާ އިބްރާޙިމުގެ އެވޯރޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހައްލު ހޯދާދޭން ނޫނީ ގާނޫނު އިސްލާހު ކުރަން ކީއްކުރަން ކީއްކުރަން އެގާނޫނު ތަޞްދީޤު ކުރީ. ނޫސްވެރިންކިހާވަރަކަށް ތިކަމާމެދު އިޙްތިޖާޖުކުރި. އެކަމަކު ހަމަ ގޮތްދޫނުކުރަން ތަޞްދީޤުކުރީ. މިހާރު ދެން ކެމްޕޭނަށް ނުކުމެ ކޮން ކޮސް އަނގައެއް ތަޅާކަށް.

Leave a Reply

Your email address will not be published. Required fields are marked *