އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލި ހާދިސާގެ މައްޗަށް ވެބް ސީރީޒްއެއް ހެދުމުގެ މަސައްކަތް ފަށާފައި ވާކަމަށް ޚަބަރުތަށް ބުނެފިއެވެ.
ރަޖީވް ގާންދީ އަވަހާރަކޮށްލުމުގައި އަދިވެސް ފޮރުވިފައިވާ ވަރަށް ގިނަ ހަގީގަތްތަކެއް އެބަހުއްޓެވެ. އެހެން ކަމުން އެކަންތައް ތަކުގެ މައްޗަށް ވެބް ސީރީޒެއް ފައްކާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.
މި ވެބް ސީރީޒާ ބެހޭގޮތުން މާގިނަ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެޕްލޯސް އެންޓަޓެއިންމަންޓުން މި ވެބް ސީރީޒް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަަމަށް މައުލޫމާތުލިބެއެވެ.
މި ސީރީޒް އުފައްދަނީ ލިޔުންތެރިޔާ އަނިރޫދްޔާ މިތުރާގެ ދާދިފަހުން ނެރުނު ފޮތް "ނައިންޓީ ޑޭސް: ދަ ޓްރޫ ސްޓޯރީ އޮފް ދަ ހަންޓް ފޯ ރާޖީވް ގާންދީސް އެސޭސިން' އަށް ބިނާކޮށެވެ. އެޕްލޯސް އިން މިހާރު ވަނީ މި ފޮތުގެ ރައިޓްސްވެސް ގަނެފައެވެ.
މި ސީރީޒް ޑައިރެކްޓުކުރަނީ މީގެ ކުރިން އެޕްލޯސް އެންޓަޓެއިންމަންޓާއިއެކު ކާމިޔާބު ފިލްމު "ސިޓީ އޮފް ޑްރީމްސް" އުފެއްދި މަޝްހޫރު ޑައިރެކްޓަރު އަދި ޤައުމީ އެވޯޑްވެސް ހޯދާފައިވާ ނާގޭޝް ކުކުނޫރެވެ.
ރަޖީވް ގާންދީ އިންޑިއާގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތީ 1984 ވަނަ އަހަރުއެވެ. އޭނާއަކީ މިހާތަނަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާވެސްމެއެވެ. ރަޖީވް އަވަހާރަކޮށްލާފައިވަނީ 1991 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ