ބުއްދިވެރިންނަކީ ދުނިޔޭގެ އަރާމަށްވުރެ އާހިރަތައް އެދިގެން، މަސައްކަތް ކުރާމީހާ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ އާޚިރަތް ދުވަހަށް ތައްޔާރުވުމަށެވެ. އެގޮތުން، އާޚިރަތް ދުވަހަަށް އީމާންވުމަކީ، އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރުކުނެއް ކަމަށާއި އެ ދުވަހުން ހިސާބު ބެއްލެވުމާއި ނިޔާ ކަނޑައެޅުއްވުމުގައި އެއްވެސް ބޭއިންސާފު ކުރުމެއް ނުވާނެކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
ހުތުބާގައި ބުނި ގޮތުގައި އާހިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހަގީގަތްތަކުގެ ތެރެއިން އެއް ކަމަކީ ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފޮތެއްގެ ގޮތުގައި އޭނާ ދެކޭނެ ކަމަށް އީމާންވުމެވެ. ދުނިޔޭގައި އިންސާނާ ކޮށްފައިވާ ކޮށްފައިވާ ކަންތައްތައް ލިޔެފައިވާ ފޮތް އެދުވަހުން އެއިންސާނާއަށް ދެއްކޭނެ ކަމަށާއި ގިޔާމަތް ދުވަހު ހިސާބު ބެއްލެވުމާއި، ނިޔާ ކަނޑައެޅުއްވުމުގައި އެއްވެސް ބޭއިންސާފެއް ނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އިންސާނާ ކުރާ އަމަލުތައް އޭނާ ގިޔާމަތް ދުވަހުން ދެކޭނެކަމަށް އީމާންވާއިރު، އޭނާގެ އުހުރަވީ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން އެ އަމަލުތަކުގެ މައްޗަށް ބިނާވެފައިވާ ހިނދު، މާތް ގެ ރަހުމަތްވަންތަ ކަމުން އިންސާނާއަށް ސުވަރުގެ ވަދެވޭ ވަސީލަތަކީ، އޭނާ ކޮށްފައިވާ ހެޔޮ އަމަލު ކަމުގައިވާހިނދު، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮ އެދޭ މީހާ، ހެޔޮ އަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނެ ކަމާމެދު ޝައްކެއް ނެތެވެ.
– ހުތުބާގައި ބުނެފައިވެއެވެ.
އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ޙަޤީޤަތްތަކުގެ ތެރެއިން އެއްކަމަކީ ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި ދެކޭނެކަމަށް އީމާންވުންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އިންސާނުންނަށް ކިތަންމެ ވަންހަނާގޮތެއްގައި ކުރާ އަމަލަކަށްވިޔަސް މާތް ރަސްލަކާންގެ މޮޅަށް ދެނެވޮޑިގެންވާ ކަމަށާއި މަލާއިކަތުން އެ އަމަލުތައް ލިޔުއްވާނެ ކަމަށެވެ. އަދި އިންސާނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން ބިނާވެފައިވަނި މި އަމަލުތަކުގެ މައްޗަށް ކަމަށްވާއިރު އަމިއްލަ ނަފްސަށް ހެޔޮ އެދޭ މީހާ ހެޔޮ އަމަލު ކުރުމުގައި ފަސް ޖެހިގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
ދުނިޔޭގައި ތެދު މަގު ޚިޔާރު ކުރުމުން މަންފާވެސް ލިބޭނީ އެމީހަކަށްކަމަށާއި ނުބައި މަގު ޚިޔާރުކޮށްފިނަމަ އޭގެ ހަލާކު ހުރީވެސް އެމީހަކަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެހެންވެ ދުނިޔޭގެ އަރާމަށްވުރެ އާޚިރަތަށް އެދިގެން ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ބާރު އަޅައިފައެވެ.
ހުކުރު ދުވަހުގެ ޚުތުބާގައި ވަނީ ޤިޔާމަތް ދުވަހަށް ބިރުވެތިވެ ތަޤްވާވެރިވުމަށާއި ފާފަތަކާއި ދުރުވެ ހެޔޮ އަމަލުކުރުން ގިނަ ކުރުމަށާއި އެހެން މީހުންނަށް ނަސޭހަތްތެރިވެ ހެޔޮމަގަށް ގެނެވޭތޯ މަސައްކަތް ކުރުމުގެ އިތުރުން ނަރަކައިގެ ވޭންދެނިވި އަޒާބަށް ބިރުވެތިވުމަށް ވެސް އިލްތިމާސްކޮށްފައެވެ.