މިސަރުކާރުން ވެރިކަމާއި ހަވާލުވެ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހުޅުމާލޭ ފޭސް 2 އަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރަން އުޅުނުނަމަ އެތަނުގައި ވަގުތީ ސްކޫލެއް އަޅަން ނުޖެހޭނެކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރޕާސަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށިތާ އަހަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އެތަނުގައި އަސާސީ ޚިދުމަތްތައް ގާއިމް ނުކުރެވި ކުރިމަތިވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ. ޚާއްސަކޮށް ދާދިފަހުން 32 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި އެޅި ވަގުތީ ސްކޫލަށް ކިޔަމުންދާ ފާޑު ކިޔުންތަކާއި ގުޅިގެން ޒަރިޔަންދު ވަނީ އޭނާގެ ޝުއޫރު ޓުވިޓާ މެދުވެރިކޮށް ފާޅުކޮށްފައެވެ.
ޒަރިޔަންދު ވިދާޅުވީ ހިޔާ ފަލެޓްތަކުގައި އަދި ފޭސް ދޭއްގައި މީހުން އާބާދުވާނެކަން މިދިޔަ ތިން އަހަރުގައި ނޭގުމަކީ ހިތާމައެއް ކަމަށެވެ. އެކަން ދެނެތިބެ ދުރާލައި އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރަން އުޅުނު ނަމަ މިއަދު އެސަރަހައްދުގައި ވަގުތީ ސްކޫލެއް އަޅަން ނުޖެހޭނެކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
މި ވެރިކަން އައި އިރުވެސް، ހުޅުމާލޭ ފިޔަވަހި 2 ގައި ހުރި ޓަވަރުތައް އައީ އިމާރާތްކޮށް ނިމެމުން މީހުން އާބާދުވާނޭކަން އެނގެމުންނެވެ. މިދިޔަ 3 އަހަރުތެރޭ އެ ސަރަޙައްދަށް ބޭނުންވާ ވަސީލަތް ޤާއިމުކުރަން އުޅުނުނަމަ "ފްރެންޑުންނަށް" ފައިސާދޭން ވަގުތީ ސްކޫލެއް އަޅާކަށް ނުޖެހޭނެއެވެ.
– ޒަރިޔަންދު ވިދާޅުވިއެވެ.
824 ދަރިވަރުންގެ ޖާގައިގެ އެ ސްކޫލް ރަސްމީކޮށް ހުޅުވާދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 6އާ ހަމައަށް ކިޔަވަދޭ އެ ސްކޫލު އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. ފާޑުކިޔާ ބައެއް މީހުންގެ އެއް ވާހަކައަކީ އަގާ ނުބައްދަލު މަސައްކަތުގެ ވާހަކަ އެވެ. ބާރަ ކްލާސްރޫމަށް 23 މިލިއަން ހަރަދުކުރިއިރު އެތަން ބައެއް މީހުނަށް ކަމުނުދިޔައީ ޓިނުން ހަދާފައިވުމުންނެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މިއަށްވުރެ ފެންވަރު ރަނގަޅު ސްކޫލެއް އެވަރުގެ އަގެއްގައި އެޅޭނެ އެވެ. އަވަހަށް ނިންމަންވިއަސް އަދި ވަގުތީ ސްކޫލެއް ވިއަސް އެފެންވަރުގައި އެޅުމަކީ އިސްރާފެއް ގޮތައް ބައެއް މީހުން ދެކެއެވެ.