ނޫސްވެރިޔާ ޝީރީން މަރާލިކަމަށް ޔަހޫދީ އިސްރާއީލުން އެއްބަސްވެއްޖެ

ނޫސްވެރިޔާ ޝީރީން މަރާލިކަމަށް ޔަހޫދީ އިސްރާއީލުން އެއްބަސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2022 08:12
0

އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީން އަބޫ އަކްލަޙް މަރުވީ ޔަހޫދީ އިސްރާޢީލުގެ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ކަމަށް ޔަހޫދީން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.

ޝީރީން މަރައިލާފައި ވަނީ ޔަހޫދީ އިސްރާޢީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ޖެނިންނަށް އަރައި ހިންގަމުން ދިޔަ އުދުވާންތަކެއް ރިޕޯޓު ކުރަމުން ދަނިކޮށް، މޭ މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާ މަރުވީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރުމުގެ ތެރޭގައި އޮޅިގެން ކަމަށް އިސްރާއީލުގެ ޑިފެންސުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އިސްރާއީލުގެ ބަޔާނުގައި ބުނެފައިވަނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެކަމުގެ ތަހުގީގުތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކާމެދު ފިޔަވަޅު ނާޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ޝީރީންއަށް އަމާޒުވި ވަޒަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެހެންވެ، އެ ވަޒަން ޖެހީ ކޮން ބަޑިއަކުން ކަން ބުނަން ދަތި ކަމަށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ބުނެފައެވެ.

ޝީރީން މަރުވީ ޔަހޫދީ ސިފައިން ދިން ބަޑީގެ ހަމަލާތަކެއް ކަމުގައި އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ވެސް ވަނީ ބުނެފައެވެ. ޝީރީން މަރައިލުމުގެ އިތުރުން ޔަހޫދީ ސިފައިން ވަނީ އޭނާގެ ޖަނާޒާ ކުރިއަށްދިޔަ ވަގުތު، ޖަނާޒާގައި ބައިވެރިވި މީހުންނަށް ވެސް ހަމަލާދީ އުދުވާން ހިންގާފައެވެ.

ޝީރީންގެ މަރާ ގުޅިގެން އެމެރިކާގެ ނޫހެއް ކަމުގައިވާ ނިއުޔޯކް ޓައިމްސްއިން ވެސް ވަނީ މިނިވަން ތަޙުޤީޤެއް ހިންގާފައެވެ. އެ ނޫހުން ވެސް ބުނީ، ޝީރީން މަރުވީ ޔަހޫދީ ސިފައިން ދިން ހަމަލާތަކެއްގައި ކަމުގައެވެ. އަދި، ޝީރީން މަރުވި ހާދިސާ ހިނގާފައިވާ ސަރަޙައްދުގައި ފަލަސްތީނުގެ ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުން ހަރަކާތްތެރިވެފައި ނުވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ. ނަމަވެސް، ޝީރީން މަރައިލާފައި ވަނީ ޔަހޫދީ އިސްރާޢީލުގެ ސިފައިންގެ މީހަކު ބަޑިޖަހައި ދިން ހަމަލާއެއްގައި ކަން އެ ޤައުމުން ކުރި ތަހުޤީޤަށް ވެސް މިއަދު މި ވަނީ ހާމަވެފައެވެ. ނަމަވެސް، ޔަހޫދީންގެ އަސްކަރިއްޔާއިން އަދިވެސް މަސައްކަތް ކުރަމުންދަނީ މި ކަމުން ބަރީއަވުމަށެވެ. ބުނީ، ޝީރީންގެ ހަށިގަނޑަށް ވަޒަން އަރާފައި ވަނީ "އޮޅުމަކުން" ކަމުގައެވެ.

ޝީރީން މަރުވީ އިސްރާޢީލު ސިފައިންގެ މީހެއްގެ ބަޑިން ދިން ހަމަލާއެއްގައި ކަމަށް ވުމީ އެކަށީގެންވާ ކަމެއް. އިސްރާޢީލު ސިފައިން ބަޑި ޖަހަމުން ދިޔައީ ފަލަސްތީނުގެ ހަތިޔާރު އެޅީ ޖަމާޢަތްތަކުގެ މެންބަރުންނަށް އަމާޒުކޮށް. ޝީރީނަކީ ނޫސްވެރިއެއް ކަން އެއިރު ނޭނގޭ.

– ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޝީރީން މަރައިލާފައި ވަނީ، މޭ 11 ވަނަ ދުވަހު ޔަހޫދީ ސިފައިން ޖެނީންގައި ހިންގަމުންދިޔަ އިންސާނިއްޔަތާ ޚީލާފު ޖަރީމާތަކެއް ރިޕޯޓު ކުރަމުން ދަނިކޮށެވެ. މަންޒަރު ދުށް މީހުން ބުނީ، ޔަހޫދީ ސިފައިން ޝީރީނަށް ހަމަލާދީފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމުގައެވެ.

އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީންގެ މަރާ ގުޅިގެން ފަލަސްތީނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަ ފާޅުކުރިއެވެ. އަދި، އަލް ޖަޒީރާއިން ވަނީ އޭނާގެ މަރާ ގުޅޭ މައްސަލަ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓަށް ހުށަހަޅަން ނިންމާފައެވެ. ފަލަސްތީނުގައި ޔަހޫދީންގެ އިސްތިއުމާރީ ބާރުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ކަވަރު ކުރުމުގެ މަސައްކަތް ޝީރީން ފަށާފައި ވަނީ މީގެ 25 އަހަރު ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.