ކެނެޑާގެ ސެންޓްރަލް ޕްރޮވިންސެއް ކަމުގައިވާ ސަސްކަޗްވާން ޕްރޮވިންސްގައި ވަޅިން ހަމަލާދީ 10 މީހަކު މަރާލައި 15 މީހަކު ޒަޚަމް ކޮށްލައިފިއެވެ.
ވަޅިހަމަލާ ދީ މަރާލާފައިވާ މީހުންވަނީ 13 ސަރަހައްދަކުން ފެނިފައެވެ. މި ހަމަލާތަކުގައި ޝައްކުކުރެވޭ ދެމީހުންގެ ނަންތައްވެސް ފުލުހުން މިހާރު ވަނީ އާންމު ކޮށްފައެވެ. ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، ޑެމިން ސޭންޑަރސަން އަދި މައިލްސް ސޭންޑަރސަން ނަމަކަށް ކިޔާ ދެމީހުން އަދިވެސް ފުލުހުންނަށް އަތުލައިގަނެވިފައި ނުވާކަމަށާއި، ދެމީހުން ހަރަކާތްތެރިވަމުން ދަނީ ހަތިޔާރާއެކީ ކަމަށެވެ.
މި ދެމީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ކެނެޑާގެ ފުލުހުން ބަލާ ފާސްކުރަމުންދާއިރު، މި ސަރަހައްދަތަކުގެ މީހުންނަށްވަނީ ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.
"ގެއިން ބޭރަށް ނުނިކުމެ، ރައްކާތެރި ތަނެއްގައި ތިބުމަށް އިލްތިމާސްކުރަން. އަދި ގެއަށް މީހަކު ވައްދާނަމަ، އެއީ ކާކުކަން ޔަގީންކުރުމަށްފަހު ވެއްދުމަށް ދަންނަވަން،" ސަސްކެޗިވަން ރޯޔަލް ކެނޭޑިއަން މައުޓެޑް ޕޮލިސް (RCMP) އިން ކުރި ޓުވީޓެއްގައި އިލްތިމާސް ކޮށްފައިވެއެވެ.
ކެނެޑާގެ އަސްލު ދަރިކޮޅުގެ ރައްޔިތުންގެ 2،000 އެއްހާ މީހުން ދިރުއުޅޭ އޭރިއާއެއް ކަމުގައިވާ، އެގައުމުގެ ވެލްޑަންގެ އިރުދެކުނުން އޮންނަ ސަރަހައްދެއް ކަމުގައިވާ ޖޭމްސް ސްމިތު ކްރީ ނޭޝަން ސަރަހައްދުގައި މިހާރުވަނީ ކުއްލި ހާލަތުވެސް އިއުލާން ކޮށްފައެވެ.
އަދި މީގެ އިތުރުން ޕްރޮވިންސްތައް ކަމުގައިވާ ސަސްކަޗްވާން، މަނިޓޮބާ އަދި އަލްބާރޓާގައި ދިރިއުޅޭ ހުރިހާ މީހުންގެ ފޯނަށް މިހާރުވަނީ "ނުރައްކާތެރި މީހަކު އުޅޭކަމުގެ އެލާރޓް" ވެސް ފޮނުވާފައެވެ. މި ސަރަހައްދަކީ، މުޅި ޔޫރަޕްގެ ދެބައިކޮށް އެއްބަޔާއި އެއްވަރުގެ ބޮޑު ސަރަހައްދެކެވެ.
މި ހާދިސާއަކީ ކެނެޑާގައި މިހާތަނަށް ގިނަބަޔަކު މެރުމަށް ހިންގާފައިވާ މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރީޑޫ މިހާދިސާ ސިފަކުރައްވާފައިވަނީ "ނުރައްކާތެރި އަދި އެހާމެ ހިތާމަވެރި" ހާދިސާއެއްގެ ގޮތުގައެވެ.
މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވެފައިވަނީ، ޒަޚަމްވެފައިވާ 15 މީހުންގެ އިތުރަށްވެސް، އިތުރު މީހުންނަށް އަނިޔާވެފައިވާނެކަމަށް ބެލެވޭ ކަމުގައެވެ.