ރާއްޖޭގައި މަސްތުވަތަކެތީގެ މައްސަލަ ހައްލުނުވެ، ބޮއްސުންލައި، މުޅި ދައުލަތް ފެއިލްވެފައިވާކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައެވެ. އަލީ ނިޒާރު ވަނީ މިދިޔަ ހަފްތާގައި ހޯމް މިނިސްޓަރ އިމްރާނާއިވެސް ބައްދަލުކުރައްވާފައެވެ. އައްޑޫ ސިޓީއަކީ މަސްތުވާތަކެތީގެ މައްސަލަތައް އެންމެ ބޮޑަށް ގޯސްވެފައިވާ އެއް ސިޓީއެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް އައްޑޫ ސިޓީގައި މާބޮޑު މަސައްކަތްތަކެއް ނުކުރެވޭތީ އަލީ ނިޒާރު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަމަށް ފާހަގަކޮށް އަލީ ނިޒާރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިމައްސަލަ ހައްލުނުވެ މިއަދު ފެނިގެންދަނީ ރައްޔިތުންގެ އަމިއްލައަށް ޤާނޫނު އަތަށް ނަގާތަންކަމަށެވެ. މުޅި ދައުލަތް މިކަމުގައި ފެއިލްވެ ގޮސް ހުސްވެފައިވާއިރު، ހައްލު ކުރަން ސަރުކާރުން ކުރާ މަސައްކަތެއްވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި، ރާއްޖެ ހަލާކުވެ މިނިމެނީ. މިކަމުގައި މުޅި ދައުލަތް ފެއިލްވެއްޖެ. ރައްޔިތުންނަށް ގޮތް ހުސްވެ ޤާނޫނު އަތައް ނަގަން ފަށައިފި. ހައްލަށް އޮތް ހުރަހެއް ބުނެ ނުދެވޭ. ވީމާ ޒިންމާ ނަގާނެ ބަޔަކު ތިބެންވާނެ.
– އަލީ ނިޒާރު ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އާއި ފަރުވާގެ ނިޒާމް ވެސް އޮތީ ބޮއްސުންލައިފައެވެ. ފުލުހުންގެ އެކި އޮޕަރޭޝަންތަކުގައި މި އަހަރު ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތެވެ. ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަސްޓަމްސް އިން ވަނީ 69 ކިލޯގެ ޑްރަގްސް އަތުލައިގެންފައެވެ. ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރީކުރަމުން ދަނިކޮށް ވެސް ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގަތެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 132 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމުގައި، ކަސްޓަމްސްގެ ދައުރު ކިތަންމެ ބޮޑު ނަމަވެސް، މުޅި މި މައްސަލަ ޙައްލުކުރެވޭނީ، ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެންކަމަށެވެ.