ކުރިން އުއްމީދު ނުކުރާވަރުގެ ތަރައްޤީ މިސަރުކާރުން ގެނެސްދީފައިވާކަމަށް ރަތްމަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ރަތްމަންދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރަތްމަންދޫގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވިދާޅުވީ މިސަރުކާރުން ރަތްމަންދޫގެ ރައްޔިތުން ކުރިން އުއްމީދު ނުކުރާވަރުގެ ތަރައްޤީއެއް ގެނެސްދީފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ. ކައުންސިލުން ވިދާޅުވީ، ކުރިން އެރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ފެނާއި ނަރުދަމާ ނެތުން ކަމަށެވެ. އެހެންނަމަވެސް މިހާރު ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ދަތިކަންކަމުގެ ތެރޭގައި ލަފާފުރުމުގެ ދަތިކަމާއި ރަށް ގިރުމާއި، ލެބޯޓްރީ ޚިދުމަތް މެދުކެނޑިފައިވުމާއި ސްކޫލު ކުދިން މަދުވުމާއި އެކު ތައުލީމު ދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ، ރަތްމަންދޫގައި ހިންގަމުންދާ މަޝްރޫއުތަކާއި އަދި މިހާރު ހިންގުމަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން އެންމެ އިސްކަންދީގެން ޙައްލުކުރަން ބޭނުންވެލައްވާ ކަންކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އެކު މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. މިގޮތުން ރަށުގެ ރައްޔިތުން ހައްލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަންތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަވަހަށް ފެށުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މުލަކަތޮޅުގެ ފަސްރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ވަޑައިގެންނެވީ މ.ރަތްމަންދޫއަށެވެ. އެމަނިކުފާނު މިއަދުހެނދުނު ރަތްމަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރަތްމަންދޫއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަންނަވާނީ މ.މަޑުއްވަރީއަށެވެ.
ކޮމެންޓު ފޮނުވާ