ސިޔާސީ ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ 'ޝެލް މީޑިއާ ކުންފުނިތަކު’ގެ މައްސަލަތައް ވިހާވެސް އަވަހަކަށް ބަލައި ތަހުގީގުގެ ހޯދުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަ ކުރުމަށާއި، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ މީޑިއާތައް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުމުން އެއްކިބާ ކުރުމަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓުގެ ފަރާތުން ގޮވާލައިފިއެވެ.
އެޖަމިއްޔާއިން މިކަމަށް ގޮވާލާފައިވަނީ، ރާއްޖޭގެ ހާލަތު ދެނެގަތުމަށް ރާއްޖެއަށް ކުރި ދަތުރެއްގައި، ނޫސްވެރިންނާއި، މީޑިއާތަކުގެ ވެރިންނާއި، ކަމާގުޅޭ ޖަމިއްޔާ ޖަމާއަތްތަކާއި ބައްދަލުކޮށް، ރާއްޖޭގެ މީޑިއާގެ ހާލަތު ދިރާސާ ކުރުމަށް އެއް ހަފްތާގެ މުއްދަތަށް ކުރިޔަށްގެންދިޔަ މިޝަންއަށްފަހު ނެރެފައިވާ ބަޔާނުގައެވެ.
މި ބަޔާނުގައި އައިއެފްޖޭއާއި އެމްޖޭއޭ ގުޅިގެން ބުނެފައިވަނީ އެމްއެމްސީގެ މެމްބަރުން އިންތޚާބު ކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލުމުގެ ހައްގު ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީޑިއާއަކަށްވެސް ލިބިގެންވާތީ، މިމައްސަލައިގެ ނޭދެވޭ ނަތީޖާ ވަރަށް ބޮޑުވާނެ ކަމުގައެވެ.
މި ބަޔާނުގައި ބުނެފައިވަނީ، އެމްއެމްސީގެ އިންތިޚާބުގެ ތާރީޚު މި ހަފްތާގައި އިއުލާން ކޮށްފައިވާއިރު، އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާ މީޑިއާތައް ކުރިޔަށް އޮތް އިންތިޚާބުގައި ވޯޓު ދިނުމުން އެއްކިބާކުރަން ޖެހޭކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމުގައެވެ. އަދި މި ބަދަލު ގެނެސްފިނަމަ ސައްހަ މީޑިއާތަކުގައި މަސައްކަތްކުރާ މީހުންގެ މަސްލަހަތު ތަމްސީލު ކުރެވޭނެކަން ކަށަވަރު ވެގެންދާނެކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް އައިއެފްޖޭގެ ބަޔާނުގައިވަނީ ރާއްޖޭގެ މީޑިއާގެ ދާއިރާއިން ފާހަގަކުރެވުނު އިތުރު ގިނަ މައްސަލަތައްވެސް ފާހަގަ ކޮށްފައެވެ. މީގެ ތެރޭގައި، ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލުތައް ބަލިކަށިވުގެ ސަބަބުން ނޫސްވެރިންގެ ހައްގުތަކަށް އުނިކަން އައުމާއި، މަސައްކަތުގެ މާހައުލުގައި ކުރިމަތުވާ މައްސަލަތަކާއި، ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނު ލިބުމަށް ހުރި ހުރަސްތަކާއި، އަންހެން ނޫސްވެރިންނަށް ހުރި ގޮންޖެހުންތަކާއި، އަދި ވަޒީފާގެ އެއްބަސްވުން ނެތި މަސައްކަތްކުރާ ނޫސްވެރިންގެ އަދަދު އިތުރުވަމުން ދިއުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ ނުފޫޒު ފޯރަމުންދަކަންވެސް ފާހަގަ ކޮށްފައި ވެއެވެ.