މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއާއި) އެޑިޓާރސް ގިލްޑް މޯލްޑިވްސް ގުޅިގެން، ރައްޔިތުންގެ މަޖިލިހުން ފާސް ކޮށްފައިވާ ހެއްކާއިބެހޭ ބިލަށް އިސްލާހު ހުށަހަޅައިފިއެވެ.
މި ދެ އެސޯސިއޭޝަން ގުޅިގެން ހެއްކާބެހޭ ބިލަށް އިސްލާހު ހުށަހަޅާފައިވަނީ، މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ހައިކޯޓަށް ދިނުމަށެވެ.
އެމްޖޭއޭއާއި ގިލްޑް މޯލްޑިވްސް ގުޅިގެން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އިސްލާހު ތައްޔާރު ކޮށްފައިވަނީ ގާނޫނީ ތަޖުރިބާކާރަކާއި ގުޅިގެން ކަމުގައެވެ.
މިގޮތުން ހުށަހެޅި އިސްލާހުގައިވަނީ ހެއްކާބެހޭ ގާނޫނުގެ 136ވަނަ މާއްދާގެ (ހ) އަދި (ށ) އިސްލާހު ކުރުމުގެ އިތުރުން އެ މާއްދާގެ (ނ) އުނިކުރުމަށެވެ.
އެމްޖޭއާއި އެޑިޓާރސް ގިލްޑްއިން ހެއްކާބެހޭ ގާނޫނުގެ 136ގެ (ހ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ޓެރަރިޒްމާއި ގުޅުންހުރި ކުށެއްގައި، ކޮމިޝަނަރ އޮފް ޕޮލިސްއާއި ނުވަތަ ޕްރިސެކިއުޓަރ ޖެނެރަލް ސޮއިކޮށް، މަސްދަރު ހާމަކުރުމަށް ހައި ކޯޓުގައި އެދެވިދާނެއެވެ. އަދި ހަމަ މި މާއްދާގެ އިސްލާހުގައި ޓެރަރިޒަމްގެ ކުށަކީ ކޮބައިކަން ބަޔާން ކޮށްދެއެވެ. މި މާއްދާގައި ވާގޮތުން ޓެރަރިޒަމްގެ ކުށަކަށް ވަނީ،
(ހ) މީހެއްގެ ހަށިގަޑަށް ބޮޑު އަނިޔާއެއް ދިނުން،
(ށ) ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުން،
(ނ) ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން،
(ރ) މުދަލަށް ބޮޑެތި ގެއްލުން ދިނުން،
(ބ) ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަދެއް ހައިޖެކް ކުރުން،
(ޅ) އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް ކުރިމަތި ކުރުވުން،
(ކ) މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ޚިދުމަތް މެދު ކަނޑުވާލުން،
މި މާއްދާގެ (ށ)ގެ (2)އަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ (ށ)ގެ (1)ގެ ދަށުން މަސްދަރު ހާމަކުރަން ޖެހޭފަދަ ހާލަތެއްގައި ކޯޓުން ރިއާޔަތް ކުރާން ޖެހޭ ކަންކަމަށެވެ. މީގެ ތެރޭގައި، މަސްދަރު ހާމަކޮށްފިނަމަ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކުރާނޭ އަސަރައް ކޯޓުން ރިއާޔަތް ކުރަންޖެހުން ހިމެނެއެވެ.
އަދި މީގެ އިތުރުން، މިމާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި، މައްސަލަ ހުށަހެޅު ފަރާތުގެ ހުށަހެޅުންތަކަށާއި އެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދިނުމަށް މަސްދަރު ހާމަކުރަން ޖެހޭ ފަރާތައް އެކަށީގެންވާ ފުރުސަތު ކޯޓުން ދޭންވާނެކަމަށްވެސް ބުނެފައި ވެއެވެ.
ހެއްކާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލުހުން ގެނައި އިސްލާހުގައި، ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގަށް އަރައިގެންފައިވާކަމަށް ބުނެ، ނޫސްވެރިންދަނީ މި އިސްލާހުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ބުނަމުންނެވެ.
އަދި މި ބިލް ރައީސް ސާލިހު ތަސްދީގުކުރުމާއެކު އެންމެ ފުރަތަމަ އެމްޖޭއައިން ވަނީ މިމައްސަލަ ގާނޫނީ މަރުހަލާތަކާއި ހަމައަށް ގެންދާނެކަމަށްވެސް ބުނެފައެވެ. އޭގެފަހުން ނޫސްވެރިން މި މައްސަލާގައި ރައީސް ސާލިހާ ބައްދަލުކުރުމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ނޫސްވެރިކްގެ ކަންބޮޑުވުންތައް ސަރުކާރުން ހައްލު ކޮށްދެއްވާނެކަމަށެވެ.
ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ނޫސްވެރިން ލިޔާ ލިޔުންތަކުގައި ހިމަނާ މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން އެމީހުންނަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އެކަމަކު ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ފުލުހުންނަށް ނުވަތަ ދައުލަތުގެ ފަރާތުން މަސްދަރު ހާމަކުރަން އެދެފިނަމަ ޝަރީއަތުން އަންގާ ގޮތެއްގެ މަތިން މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރިކަން ނުވަތަ ކުރަން އުޅޭކަން ހިމެނޭ މައުލޫމާތުތަކާއި، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އާންމު މަސްލަހަތު ބޮޑު މައްސަލަތަކުގައި މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މަސްދަރު ހާމަނުކުރުމުގެ ސަބަބުން ތުހުމަތު އޮތް މީހާއަށް ކުށުން ބަރީއަވެވޭނެ ހާލަތެއް ނެތްނަމަ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެއެވެ.
މި ގާނޫނުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވޭ ގޮތްތަކާއި ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ހިމަނާފައި ވެއެވެ. އަދި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދާއި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ވެސް ހިމެނޭ އިރު ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް ބަޔާން ކޮށްފައި ވެއެވެ.
ހެއްކާ ބެހޭ ބިލު މިއަދު ރައީސް ތަސްދީގުކުރައްވާފައި ވަނީ މަސްދަރު ހާމަކުރާ މާއްދާ އުނިކޮށްދިނުމަށް އެދި 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެެވެ. އަދި މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.
ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކޮށްފައި ވަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުން ގޮވާލަމުން ދަނިކޮށެވެ.
ކޮމެންޓު ފޮނުވާ