ރަޝިއާގެ ވެރިރަށް މޮސްކޯގެ ރަށްބޭރުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަރާލާފައިވާ، ރަޝިއާގެ ރައީސް ލާޑީމިރު ޕުޓިންގެ ގާތް އެކުވެރިއެއްގެ ދަރިފުޅު މަރާލީ ޔޫކުރެއިންގެ ސެޕެޝަލް ސާވިސްއިން ކަމުގައި ރަޝިއާއިން ތުހުމަތު ކޮށްފިއެވެ.
ނޫސްވެރިއެއް ކަމުގައިވާ، އުމުރުން 29 އަހަރުގެ ޑާރިޔާ ޑުގިނާ މަރުވެފައިވަނީ، މިހަފްތާގެ ހޮނިހިރު ދުވަހު މޮސްކޯގެ ރަށް ބޭރުން އޭނާ ދަތުރު ކުރަމުންދިޔަ ކާރު ގޮވުމާއި ގުޅިގެންނެވެ.
އޭނާ ބައްޕައަކީ، ރަޝިއާގައި ނުފޫޒު ގަދަ، އަލްޓްރާ-ނޭޝަނަލިސްޓް (ހައްދު ފަހަނަ އެޅި ވަތަނީ މިހެއް ކަމުގައިވާ) އެލެގްޒެންޑާ ޑުގިންއެވެ. ބެލެވޭގޮތުގައި މި ހަމަލާގެ އަސްލު އަމާޒަކީ، ޕުޓިން އެންމެ ގާތް އެކެއްގެ ގޮތުގައި ބެލެވޭ އެލެގްޒެންޑާ ޑުގިންއެވެ.
މި ހަމަލާގައި އެއްވެސް ކަހަލަ ބައިވެރިވުމެއް ނުވާނެ ކަމުގައި ޔޫކުރެއިންއިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (FSB) އިން ހޯމަ ދުވަހު ބުނެފައިވަނީ މި ހަމަލާގެ އަޑީގައިވަނީ ކޮންބައެއްކަން ހޯދިފައިވާ ކަމަށާއި، ހަމަލާގެ ސީދާ ޒިންމާ އުފުލަން ޖެހޭނީ ޔޫކުރެއިންއިން ކަމުގައެވެ.
FSB އިން ރަޝިއާގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ފާއިތުވި ޖުލައިމަހު، ޔޫކްރެއިންގެ އަންހެނަކު އޭނާގެ އަންހެން ދަރިފުޅާއެކު ރަޝިއާއަށް އައިސްފައިވާ ކަމުގައެވެ. އަދި ބުނެފައިވަނީ މި އަންހެން މީހާއަކީ ޔޫކުރެއިންގެ ސްޕެޝަލް ސާވިސްގެ ކޮންޓްރެކްޓަރއެއް ކަމުގައެވެ.
އަދި ބުނެފައިވަނީ މި އަންހެން މީހާ، މަރުވި ޑުގިނާ ދިރިއުޅެމުންދިޔަ އިމާރާތުގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން މަހެއްހާ ދުވަހު ދިރިއުޅެފައި ވާކަމުގައެވެ. މި މުއްދަތުގައި މި އަންހެންމީހާ ވަނީ ޑުގިނާ މޮސްކޯތެރޭގައި ދިރިއުޅެމުންދިޔަ ގޮތް، ކުޑަ ކާރެއްގައި ބަލާ ހަދާފައި ކަމުގައިވެސް FSB އިން ބުނެފައި ވެއެވެ. އަދި ބުނެފައިވަނީ، މި ކާރު ގޮވުމާއެކު މި އަންހެން މީހާވަނީ ކަރީގަ އޮތް އެސްޓޯނިއާށް ގޮސްފައެވެ.
ޔޫކުރެއިންގެ ރައީސް ޒެލެންސްކީގެ އެޑްވައިޒަރު މިކައިލޯ ޕޮޑޮލިޔަކު ވިދާޅުވެފައިވަނީ FSBގެ ވާހަކަ ތަކަކީ ރަޝިއާގެ ޕްރޮޕަގެންޑާ ކަމުގައެވެ.
FSB އިން ފަހުން ވަނީ، އަންހެން މީހާ ދަތުރު ކުރިކަމަށް ބުނާ ކާރު ރަޝިއާއަށް ވަންނަ ތަނާއި، ޑުގިނާ ދިރިއުޅެމުންދިޔަ އިމާރާތަށް ވަންނަ ތަނާއި އަދި ރަޝިއާ ދޫކޮށް ދާ މަންޒަރު ދައްކުވައިދޭ ސެކިއުރިޓީ ފޫޓޭޖްވެސް އާންމު ކޮށްފައެވެ.
ހަމަލާގައި މަރުވި ޑުގިނާާއާއި އޭނާގެ ބައްޕަ ވަނީ ކޮސްކޯ ކައިރީގައި އޮތް ފެސްޓިވަލްއަށް ހޮނިހިރު ދުވަހު ހާޒިރު ވެފައެވެ. އެ ފެސްޓިވަލުގައި، ޑުގިނާގެ ބައްޕަ ވަނީ ކެޗަރއެއް ދީފައެވެ. އެނާއަކީ ފިލޯސަފަރެކެވެ.
ބުނެވޭ ގޮތުގައި މި ފެސްޓިވަލަށްފަހު ދެމީހުންވެސް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތީ އެއް ކާރެއްގައެވެ. އެހެންނަމަވެސް ޑުގިނާގެ ބައްޕަ އެ ކާރުގައި ދަތުރު ނުކުރާ ގޮތަށް ހަމަޖެހުނީ އެންމެ ފަހު ވަގުތުއެވެ.