ނަޝީދުގެ ގަރާރަށް ވޯޓަށް ނާހާ، އެމްޑީޕީގެ ކޮންރެސް ނިންމާލައިފި

ނަޝީދުގެ ގަރާރަށް ވޯޓަށް ނާހާ، އެމްޑީޕީގެ ކޮންރެސް ނިންމާލައިފި

Author
ހުސެއިން
21 އޮގަސްޓް 2022 05:53
0

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު, އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު، ކުރިޔަށް ނުގެންދަން ނިންމާ، އެމްޑީޕީގެ ކޮންގްރެސް ނިންމާލައިފިއެވެ.

ދެދުވަސް ވަންދެން ކުރިޔަށް ދިޔަ އެޕާޓީގެ 4 ވަނަ ކޮންގްރެސް ނިންމާލާފައިވަނީ، މިއަދުގެ އެންމެ ފަހު ދަންފަޅީގައި ޕާޓީގެ އަސާސީ ގަވާއިދަށް ގެންނާން ހުށަހެޅުނު އިސްލާހުތަކަށްފަހުއެވެ. އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، އެމްޑީޕީގެ ނާއިބު ރައީސް އިންތިޚާބު ކުރާ އުސޫލަށް ބަދަލު ގެނައުން ހިމެނެއެވެ.

މިގޮތުން މީގެ ކުރިން އާންމު މެމްބަރުންގެ ވޯޓަކުން އިންތިޚާބު ކުރާގޮތަށް އޮންނަ މި މަގާމް ދެން ހޮވާނީ، ހޮވޭ ރައީސަކު އެބޭފުޅެއްގެ ނާއިބު ގައުމީ މަޖިލިހަށް ހުށަހަޅައިގެން، ގައުމީ މަޖިލިހުގެ ވޯޓަކުންނެވެ.

މިއަދު ކުރިޔަށްދިޔަ ކޮންގްރެސްގައި، އެންމެ ފަހު ދަންފަޅީގައި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހަށް އަހާ ނިމުމާއެކު، ޗެއަރ ޕާސަަން ފުރުސަތު ދެއްވީ ނަޝީދުގެ ގަރާރު ހުށަހެޅުއްވުމަށެވެ.

އެއަށްފަހު ނަޝީދު ގަރާރު ހުށަހެޅުއްވުމަށް ތެދުވެ ވަޑައިގެން ވިދާޅުވީ ބޭނުންފުޅުވަނީ އިތުރަށް މަޝްވަރާ ކުރުމަށް ގަރާރު އޮތްގޮތަށް ކުރިޔަށް ނުގެންގޮސް ބޭއްވުމަށް ކަމަށެވެ. އަދި އެއަށްފަހު ރައީސް ސާލިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގަރާރު އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނަޝީދު ނިންމެވުމަކީ މަޝްވަރާކޮށްގެން ހައްލު ހޯއްދެވޭނެ ކަމުގެ ޔަގީންކަން އޮތްކަން ސާބިތު ކޮށްދޭ ކަމެއް ކަމުގައެވެ.

އަދި އެއްފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިއަދު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ކުރިޔަށް އޮތް ތަނުގައި، ހުރި ޚިޔާލުތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އޮތްކަމުގައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާރސަންއަށްވެސް އިތުބާރު ކުރައްވާ ކަމަށާއި، ފައްޔާޒުގެ ޒައާމަތުގައި، ހުރި ޚިޔާލުތަފާތުވުންތައް ހައްލު ކުރެއްވޭނެކަމަށް ޔަގީން ކުރައްވާ ކަމުގައެވެ.

އަދި ނަޝީދުވަނީ އެޕާޓީގެ ޗެއަރޕާސަންކަން ކުރެއްވި ހުރިހާ ބޭފުންނަށްވެސް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮންގްރެސް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ ބަރުލަމާނީ ގަރާރަށް ކޮންގްރެސްއިން ތާއީދު ނުކުރައްވާނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީއާއެކު ނުނިކުންނަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވިއްޖެނަމަ އެމްޑީޕިއަށް ވެރިކަމަށް ނާދެވޭނެކަމަށްވެސް ނަޝީދު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ރަސްމީ ބައި ނިމުނު ނަމަވެސް، މިރޭ 8:30 ގައި، ކޮންގްރެސްގެ ބައިވެރިން ނުރަސްމީކޮށް، ބައްދަލު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮންގްރެސް ނިންމާލަމުން، ރިޔާސަތު ބެލެހެއްޓެވި، ޗެއަރޕާސް ފައްޔާޒު އިސްމާއިލްވަނީ ރައީސް ސާލިހަށާއި ރައީސް ނަޝީދަށް އަދި އޭގެ އިތުން އިދާރީ މުވައްޒަފުންނަށާއި، ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދަ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.