ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ތާއީދު ނުކޮށްފިނަމަ، އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވަމުން ގެންދެވުމަށްވަފަހު، ވިސްނުން ބަދަލު ކުރައްވާ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެއްވޭނެކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދިޔަ އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހު ދަންފަޅީގައި، ނަޝީދު ހުށަހެޅުއްވި ގަރާރު، "މަޝްވަރާ ކުރުމަށް މިހާރު އޮތް ގޮތަށް ބޭއްވުމަށް" ނިންމެވިކަން އިއުލާން ކުރެއްވުމަށްފަހު، ކޮންގްރެސްގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ، އެންމެން އެކީގައި ތިބެގެން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.
އަޅުގަޑުވެސް ޔަގީންކަން އަރުވަން، އިރާދަ ކުރެއްވިއްޔާ އަޅުގަޑުމެންނަށް އެކުގައިތިބެ، އެއް ޚިޔާލެއްގައި ތިބެ، ކުރިޔަށް މިއޮތް އިންތިޚާބުގައި އަޅުގަޑުމެންނަށް ކާމިޔާބު ކުރެވި، އެތައް ޒަމާނެއް ވަންދެން، ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގައި އިރާދަ ކުރެއްވިއްޔާ އަޅުގަޑުމެނަށް ތިބެވޭނެ.
ނަޝީދު ވިދާޅުވެފައި ވެއެވެ.
ގަރާރު ކުރިޔަށް ނުގެންދާން ނިންމިކަން އިއުލާން ކުރުމަށްފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ސާލިހާއި މަޝްވަރާ ކޮށްގެން އަދި ޕާޓީގެ އެހެންވެސް ގުނަންތަކާއި މަޝްވަރާ ކޮށްގެން އެއްގޮތް އުސޫލުތަކެއް ހޯދޭނެ ކަމަށެވެ.
އަދި ނަޝީދު ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ދުވަސްތަކުގައި، ކުރިޔަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަށާއި ޚިޔާލުތައް އެއްގޮތް ކުރުމަށް އަވަސްވެގަންނާނެ ކަމަށެވެ.
މިއަދު ކުރިޔަށްދާ ކޮންގްރެސްގައި، އެންމެ ފަހު ދަންފަޅީގައި ކުރިޔަށްދިޔަ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހަށް އަހާ ނިމުމާއެކު، ޗެއަރ ޕާސަަން ފުރުސަތު ދެއްވީ ނަޝީދުގެ ގަރާރު ހުށަހެޅުއްވުމަށެވެ.
އެއަށްފަހު ނަޝީދު ގަރާރު ހުށަހެޅުއްވުމަށް ތެދުވެ ވަޑައިގެން ވިދާޅުވީ ބޭނުންފުޅުވަނީ އިތުރަށް މަޝްވަރާ ކުރުމަށް ގަރާރު އޮތްގޮތަށް ކުރިޔަށް ނުގެންގޮސް ބޭއްވުމަށް ކަމަށެވެ. އަދި އެއަށްފަހު ރައީސް ސާލިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގަރާރު އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނަޝީދު ނިންމެވުމަކީ މަޝްވަރާކޮށްގެން ހައްލު ހޯދޭނެކަން ރަމްޒު ކޮށްދިން ކަމެއް ކަމުގައެވެ.
އެއަށްފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިއަދު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ކުރިޔަށް އޮތް ތަނުގައި، ހުރި ޚިޔާލުތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އޮތްކަމުގައެވެ.
ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކޮށްފިނަމަ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މި ސަރުކާރަށް އެންމެ ގިނަވެގެންވެސް ލިބޭނީ %27 ވޯޓު ކަމުގައެވެ.