އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ލުއި ދިނުމަށް އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅައިފިއެވެ.
އެމްޑީޕީގެ އާ ޗެއާޕާސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހަވާލުވެވަޑައިގަތުމަށް ފަހު، ކުރައްވާނެ ފުރަތަމަ ކަމަކީ ޕާޓީން "ގެއްލިފައި" އޮތް މުހިއްމު ގުނަނެއް ކަމަށްވާ އިސްލާމީ މަޝްވަރާ މަޖިލިސް އަލުން އެކުލަވާލައި ހިންގަން ފެށުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެއީ އޭނާގެ ކެމްޕެއިންގެ ވައުދެކެވެ. އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލިސް އެކުލަވާލާފައި ނުވާތާ އެތައް އަހަރެއް ވެއްޖެއެވެ.
އެމްޑީޕީން މިހާރު ކުރިއަށް ގެންދާ އެޕާޓީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުގެ އިސް ފަނޑިޔާރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުރި ޝަރުތުތައް ހަރުކަށި ކަމަށާއި އެކަމާ ގުޅިގެން އެ މަޖިލީހަށް މީހުން ހޯދަން ދަތިވެފައިވާ ކަމަށެވެ. އައްޔަންކުރާ މީހުންގެ ޝަރުތު ވަރަށް ހަރުކަށި ކަމަށާއި އެހެންވެ މީހަކު ހޯދަން ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
އިސްލާމީ މަޝްވަރާ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތައް:
އިސްލާމިކް ޔުނިވާސިޓީން މަތީ ތައުލީމް ހާސިލް ކޮށްފައިވުން.
އިމާމު ކޯހުން ނުވަތަ ގާޒީ ކޯހުން ފާސްވުން.
ދީން ކިޔަވައި ދިނުމުގެ ހުއްދަ އޮތުން.
ދީނީ ތަގުރީރު ކުރުމުގެ ހުއްދަ އޮތުން.
ހާފިޒް ކަމުގެ ސަނަދު އޮތުން
އަސާސީ ގަވައިދަށް ހުށަހަޅާ އާ އިސްލާހުގައި ވަނީ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެމްބަރުން ކަމަށް ތިން ޝަރުތެއް ކަނޑައެޅުމަށެވެ. އެއީ އިސްލާމީ ޝަރީއާގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމާއި ދީން ކިޔަވައި ދިނުމުގެ ހުއްދަ އާއި ދީނީ ތަގުރީރު ކުރުމުގެ ހުއްދަ ލިބިފައިވުމެވެ.
ކޮންގްރެސްގައި މިއަދު ވާހަކަދެއްކެވި ބައެއް ބޭފުޅުން ވެސް ވިދާޅުވީ އިސްލާމީ މަޝްވަރާ މަޖިލީހަށް މެންބަރުން ހޮވުމަށް ކަނޑައާފައިވާ ޝަރުތުތަކަށް ލުއިދޭންޖެހޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ